ކުޅިވަރު

ކުރީގެ ފުޓްބޯޅަ ތަރި، ބައްޓޭ ކައިވެނިކޮށްފި


ކުރީގެ މަސްހޫރު ފުޓްބޯޅަކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) ކައިވެނިކޮށްފިއެވެ. ބައްޓޭ މީގެ ކުރިންވެސް ވަނީ ކައިވެންޏެއް ކޮށްފައެވެ. އެއީ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައެވެ.

ބައްޓޭ ދެވަނަ ކައިވެންޏެއް ކޮށްފައިވަނީ އޭގެ 23 އަހަރުފަހުން، 13 އަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެ އުޅުމަށްފަހު ބ.އޭދަފުށީ މައިނާގޭ ފާތިމަތު ޚާލިދާއެވެ. ބައްޓޭގެ ޢުމުރުން މިހާރު 47 އަހަރެވެ.

ބައްޓޭއަކީ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ވިދާލި މޮޅު މިޑްފީލްޑް ކުޅުންތެރިއެކެވެ. އޭނާ ފުޓްބޯޅައިގެ ތެރެއަށް ނުކުތީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އެމްއީއެސްގެ ފުޓްބޯޅަ ޓީމުންނެވެ. ފުޓްބޯޅައިގައި ނަންވިދާލީ ކްލަބް ވެލެންސިއާ އޭނަ ގުޅުނު ހިސާބުންނެވެ. ޤައުމީ މުބާރާތުގެ ތަށި ވެލެންސިއާއިން މިލްކުކުރިއިރު އެޓީމްގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއްކުޅުންތެރިއަކީ ބައްޓޭއެވެ. ބައްޓޭވަނީ ނަވާރަ އަހަރުންދަށުގެ ޤައުމީ ޓީމަށްވެސް ކުޅެފައެވެ.

މިހާރުވެސް ފުޓްބޯޅަ ކުރިއެރުވުމަށް އޭނާދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ރ.ބ.ޅ މިތިން އަތޮޅަށް އެފްއޭއެމް އިން ކަނޑައަޅާފައި ހުންނަ ފުޓް ބޯޅަ ޑިވަލަޕްމަންޓް އޮފިސަރަކީވެސް އޭނާއެވެ.

ބައްޓޭ ވަނީ ޚާއްސަކޮށް ބ.އޭދަފުށީގެ ފުޓްބޯޅައަށް އަގު ނުކުރެވޭފަދަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން އޭނާ އިސްނަގައިގެން ވަނީ މެދުނުކެނޑި 17 އަހަރު އޭދަފުށީގައި ރަށުފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބާއްވާފައެވެ. މީގެއިތުރުވެސް ބައްޓޭ އިސްނަގައިގެން ބ.އަތޮޅު ރިސޯޓް ތަކަށް އަމާޒުކޮށްގެން އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތެއް ބާއްވައެވެ.