މިދިޔަ އާދީއްތަ ދުވަހު އަވަށްޓެރި ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެޤައުމުގައި ކާރފިއު އިޢުލާންކޮށްފައިވާ ގަޑިތަކުގައި އެޤައުމުގައި އުޅޭ ދިވެހިން ބޭރަށް ނުކުމެ ނޫޅުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސް ކުރައްވައިފިއެވެ.
އެމްބަސީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސްރީލަންކާގެ އެކި ސަރަޙައްދުތަކުގައި ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށާއި އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އެމްބަސީގެ ހޮޓްލައިން ނަންބަރުތަކަށް ގުޅުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެމްބަސީގެ ފަރާތުން ބޭނުންކުރުމަށް އޮންނަ ހޮޓްލައިން ނަންބަރުތަކަކީ 0727277072، 0766086660 ،0764189900އެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވިދާޅުވީ އެމްބަސީގެ ރަސްމީ ޓްވިޓަރ އެކައުންޓާއި ވެބްސައިޓުން ލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވާންވީ ކަންތައްތަކުގެ މަޢުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށެވެ. ދިވެހި އެމްބަސީން މީގެ ކުރިން ވަނީ ސްރީލަންކާގައި މިވަގުތު ދިރިއުޅޭ ދިވެހި ރައްޔިތުން ގެއިން ބޭރުގައިއުޅޭ ވަގުތުތަކުގައި ޕާސްޕޯޓް ގެންގުޅުމަށްވެސް އިލްތިމާސްކުރައްވާފައެވެ.
އަދި ސްރީލަންކާގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ޕާސްޕޯޓްގެ ކަންތައްތައް ފުރިހަމަ ވެފައިވޭތޯ ބެލުމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
މިދިޔަ އާދީއްތަދުވަހު ސްރީލަންކާގައި ދިން ނުރައްކާތެރި ބޮމުގެ ޙަމަލާތަކަށްފަހު އެޤައުމުގެ ޙާލަތު އަދިވެސް ހަމައަކަށް ނޭޅެއެވެ. އަވައްޓެރި ސްރީލަންކާއަކީ ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެކެވެ. ނަމަވެސް ހިނގައިދިޔަ ޙާދިސާގައި ދިވެހިންގެ އެއްވެސް ޢާއިލާއަކަށް ގެއްލުމެއް ވެފައެއްނުވެއެވެ.