ސިޔާސީ

ފ. ބިލެއްދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް، ފުލުހުންގެ މަރުކަޒެއް ރަސްމީކޮށް ހުޅުވައިފި


ފ. ބިލެއްދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް، ފުލުހުންގެ މަރުކަޒެއް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބިލެއްދޫގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންގައި ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

ބިލެއްދޫގައި ފުލުހުންގެ މަރުކަޒެއް ޤާއިމްކޮށްފައިވާއިރު އެރަށަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރު މުއްދަތެއްގެ ތެރޭގައި އެރަށުގައި ފުލުހުންގެ ޚިދުމަތް ފައްޓަވާނެބެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވަނީ އެރަށަށް މިމަހުގެ 3 ވަނަ ދުވަހު އެރަށަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވެފައެވެ.

ބިލެއްދޫ ރައްޔިތުންގެ މަސައްކަތުން އިމާރާތްކޮށްފައިވާ އެރަށު ޕޮލިސްޓޭޝަން ހުޅުވާފައިވާއިރު، ކުށްކުރުން މަދުކުރުމާއި އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމަށް ރަށްޔިތުންކުރާ އެފަދަ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށްވެސް ރައީސް ޞާލިޙްވަނީ ވިދާޅުވެފައެވެ.

ބިލެއްދޫ ޕޮލިސް ސްޓޭޝަން ހުޅުވައި ދެއްވުމަށްފަހު ހޯމް މިނިސްޓަރ އިމްރާން ޢަބަދުﷲ ވިދާޅުވީ ދިވެހި ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޤައުމުގެ ސުލްޙަ މަސަލަސްކަން ދެމެހެއްޓުން ކަމަށެވެ. އަދި ދުނިޔޭގައި ރާއްޖެ ސިފަވެފައި އޮންނަނީ ސުލްޙަވެރި ތަނެއްގެ ގޮތުގައިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ދިވެހި ފުލުހުންގެ މުއައްސަސާއިންނާއި ދިވެހި ދަޢުލަތުންވެސް އެންމެ އެދޭކަމަކީ ރައްޔިތުންނަކީ ދިވެހިންގެ މެދުގައި އޮންނަ ސުލްޙަވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ބަޔަކަށްވުން ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަމާއި ރައްޔިތުންގެ ތެރޭގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގައި ފުލުހުން އަދާކުރަންޖެހޭ ދައުރު މިއަދު ފުޅާވެފައިވާ ކަމަށެވެ. އަދި ފުލުހުންގެ މައިގަނޑު މަޤްޞަދަކީ ކުށްމަދުކުރުމާއި ރައްޔިތުންގެ ތެރޭގައި ކުށުގެ ބިރުވެރިކަން ކުޑަކުރުމާއި އިންސާނީ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ރައްޔިތުންނަށް ވީހާވެސް ރަނގަޅު ޚިދުމަތްތަކެއް ދިނުން ކަމަށް ހަމީދުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ބިލެއްދޫ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއާޒާއި ކޮމިޝަނަރ އޮފް ޕޮލިސް އެ ސްޓޭޝަން ބައްލަވާލައްވާފައިވެއެވެ.