ސިއްހަތު

މިއަހަރު ޑެންގީގެ ކޭސްތައް އިތުރު - އެޗްޕީއޭ


މިދިޔަ ތިން އަހަރާއި އަޅާ ބަލާއިރު، މިއަހަރުގެ ފުރަތަމަ ތިން މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރި މީހުންގެ އަދަދު ގިނަކަމަށް އެޗޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ޑެންގީ އަދި ޗިކުންގުންޏާއަކީ އާއްމުކޮށް ވިއްސާރަ ދުވަސްވަރު ފެތުރޭ ރޯގާއެއް ނަމަވެސް މިއަހަރު، އެކި ދުވަސްވަރު މި ރޯގާ ޖެހިގެން ގިނަ ބަޔަކު ޑޮކްޓަރަށް ވަނީ ދައްކާފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 1772 މީހުންވަނީ ޑޮކްޓަރަށް ދައްކާފައެވެ. އެގޮތުން މިމަހު ޑެންގީގެ 365 ކޭސް ރިޕޯޓްކޮށްފައިވާއިރު، މާރޗްމަހު 466 ކޭސް، ފެބްރުއަރީމަހު 422 ކޭސް އަދި ޖެނުއަރީ މަހު 518ކޭސްވަނީ ރިޕޯޓްކޮށްފައެވެ.

މިއީ މިދިޔަ ތިން އަހަރުގެ ފުރަތަމަ 4މަހާއި އަޅާބަލާއިރު، ބޮޑުތަން އިތުރު އަދަދެކެވެ. ޑެންގީ ހުމުގެ އޭޕްރިލް މަހުގެ ތަފާސް ހިސާބު ދައްކާގޮތުން އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ ހދ އަތޮޅާއި އއ އަދި ލ އަތޮޅާއި މާލެ ސަރަޙައްދުންނެވެ. ލ އަތޮޅުން ޑެންގީގެ 72 ކޭސް ރިޕޯޓުކޮށްފައިވާއިރު ހދ އަތޮޅުން 46ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އއ އަތޮޅުން 31 ކޭސް އަދި މާލެ ވިލިމާލެ ހުޅުމާލެ ހިމެނޭހެން 65ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ޗިކުންގުންޔާގެ 800ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މި ރޯގާ އެންމެ ގިނައީ، މާލެ ސަރަޙައްދާއި ގއ އަތޮޅު އަދި ތ އަތޮޅުގައެވެ. މިއަހަރުގެ މިހާތަނަށް މާލެ ސަރަޙައްދުން ޗިކުންގުންޔާގެ 407 ކޭސް ރިޕޯޓުކޮށްފައިވާއިރު ގއ އަތޮޅުން 291 ކޭސް އަދި ތ އަތޮޅުން 34ކޭސް ރިޕޯޓްކޮށްފައިވެއެވެ.

މި ރޯގާތަކަކީ މަދިރީގެ ޒަރިޔާއިން ޖެހޭ ރޯގާއެކެވެ. ޑެންގީ އަދި ޗިކުންގުންޏާގެ އަލަމާތްތަކުގެތެރޭގައި ހުންއައުމާއި، ކުޑަކަމުދާ މިންވަރު މަދުވުމާއި، އާދަޔާއި ހިލާފު ވަރުދެރަވުންފަދަ ކަންކަން ހިމެނެއެވެ. އަދި މިފަދަ ރޯގާތަން މަދުކުރުމަށް، މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.