ޚަބަރު

ރައްޔިތުންނާއި ގުޅިގެން ފުލުހުން ޚިދުމަތް ދިނުމަށް ވޯކް އެންޑް ޓޯކްގެ ނަމުގައި ކެމްޕޭނެއް ފަށައިފި


ޚިދްމަތްދިނުމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ފުލުހުންނާއި ހިއްސާކޮށް ރައްޔިތުންގެ ޚިޔާލު ހޯދައި ރައްޔިތުންނާއި ގުޅިގެން އެކުވެރި މާހައުލެއްގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި "ވޯކް އެންޑް ޓޯކް" ގެ ނަމުގައި ޚާއްސަ ކެމްޕޭނެއް ފުލުހުން ފަށައިފިއެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަންގައި މިއަދު އޮތް ބައްދަލުވުމެއްގައި މިކެމްޕޭން ފައްޓަވައިދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ. މިކެމްޕޭން ފައްޓަވައިދެއްވާ ނަވީން ވަނީ ރައްޔިތުންނާއި މުއާމަލާތު ކުރުމުގައި ފުލުހުން ސަމާލުކަންދޭންވީ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިކެމްޕޭނަކީ މާލޭ ސީޓީ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންނަކީ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ވަރަށް ގާތުން އަޑުއަހާ، އެޝަކުވާތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް ބުނެދިނުމުގެ އިތުރުން ރައްޔިތުންނާއި ގާތްގުޅުމެއް އުފެއްދުމަށް ފެށި ކެމްޕޭނެކެވެ.

ދިވެހި ރައްޔިތުންނަށް ފުލުހުން ދެމުން ގެންދާ ޚިދުމަތަކީ ރައްޔިތުންނާއި ގާތުން ގުޅިގެން ދެމުން ގެންދާ ޚިދުމަތަކަށް ހެދުމަށްޓަކައި ފުލުހުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ފުލުހުން ވަނީ ނެއިބަރހުޑް ސަޕޯރޓު އޮފިސަރުންގެ މަސައްކަތްވެސް ފައްޓަވާފައެވެ.