ސިޔާސީ

އެޗްއާރްސީއެމްގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމުން މާލެ ޖަލަށް ޒިރާޔަތްކޮށްފި


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން މާލެ ޖަލަށް ޒިޔާރަތްކޮށްފިއެވެ. އެންޕީއެމްއިން މާލެ ޖަލަށް ޒިޔާރަތް ކުރައްވާފައި މިވަނީ އިއްޔެއާ މިއަދެވެ.

އެޗްއާރްސީއެމްއިން ވިދާޅުވީ މާލެ ޖަލަށް އެންޕީއެމްއިން ކުރި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ މާލެ ޖަލަށް 2011، 2014 އަދި 2017 ވަނަ އަހަރު ކޮށްފައިވާ ޒިޔާރަތްތަކުގައި ފާހަގަ ކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކަށް ޙިއްޞާކޮށްފައިވާ ރިޕޯޓުތަކުގައި ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛުކޮށްފައިވާ މިންވަރު ދެނެގަތުން ކަމަށެވެ. އަދި ތަންފީޛު ނުވެ ގިނަ ދުވަސްވެފައިވާ ހުށަހެޅުންތައް ތަންފީޛުކުރުމަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމަކީވެސް މާލެ ޖަލަށް ޒިޔާރަތްކުރި މަޤްޞަދެއް ކަމަށްވެސް އެޗްއާރްސީއެމްއިން ވިދާޅުވެއެވެ.

މާލެ ޖަލަށް ކުރި ޒިޔާރަތަށްފަހު، ކޮމިޝަނުން ޢާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެމަތިން، ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް، ޒިޔާރަތްކުރާތާ ގިނަވެގެން ތިން ދުވަހުގެ ތެރޭގައި މާލެ ޖަލާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ޙިއްޞާކުރައްވާނެ ކަމަށްވެސް އެޗްއާރްސީއެމްއިން ވިދާޅުވެއެވެ. އަދި މާލެ ޖަލަށް ކުރި ޒިޔާރަތުގެ މައްޗަށް ބިނާކޮށް ލިޔާ ރިޕޯޓު ތައްޔާރުކޮށް އެ ރިޕޯޓް މާލެ ޖަލާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކުރުމަށްފަހު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެޗްއާރްސީއެމްއިން މަޢުލޫމާތުދެއްވައެވެ.

އެޗްއާރްސީއެމްއިން ވިދާޅުވީ އެ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާހުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން އެ ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން އަހަރަކު ދެ ފަހަރު ފޮލޯއަޕް ހަދަމުން ދާނެ ކަމަށެވެ.