ޚަބަރު

މަސްޖިދުލްއަޤްޞާގެ އިސްލާމީ ޝަޚުސިއްޔަތު ނިގުޅައިނުގަނެވޭނެ: ޙަމާސް


ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މަސްޖިދުލްއަޤްޞާގެ ގޯތިތެރޭގައި ޔަހޫދީންގެ ދީނީ ފޮތްތައް ގެންގުޅުމާއި ޖަމާޢަތް ހަދައިގެން އަޅުކަންކުރުމުގެ ހުއްދަ ދީގެން، އެ މިސްކިތުގެ އިސްލާމީ ޝަޚުސިއްޔަތު ބަދަލުނުކުރެވޭނެ ކަމުގައި، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުން ބުނެފިއެވެ. އެ ޖަމާޢަތުން މި މޭރުމުން ބުނެފައި ވަނީ، 1969 ވަނަ އަހަރު މަސްޖިދުލްއަޤްޞާގައި ހުޅުޖަހައިގެން ދީފައިވާ ނިރުބަވެރި ހަމަލާތައް 57 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ. މަސްޖިދުލްއަޤްޞާއަކީ ޔަހޫދީންގެ ތަނަކަށް ހެދުމަށާއި، މިސްކިތުގެ ސިފަތައް ބަދަލުކުރުމަށް އިސްތިޢުމާރީ ޔަހޫދީން ހިންގަމުންދާ އެއްވެސް ޖަރީމާއެއް ކާމިޔާބު ނުކުރެވޭނެ ކަމުގައި ޙަމާސްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޞަހްޔޫނީ ދައުލަތުގެ ހައްދުފަހަނަ އެޅި ޤައުމީ ސަލާމަތާބެހޭ ވަޒީރު އިތަމާރް ބެން-ގްވީރްގެ ހީލަތްތެރި ރޭވުމެއްގެ ތެރެއިން މަސްޖިދުލްއަޤްޞާއަށް ޔަހޫދީންގެ ދީނީ ފޮތްތައް ވެއްދުމަށް ދީފައިވާ ހުއްދައަކީ، މިސްކިތުގެ ކަރާމާތާއި މާތްކަމަށް އަރައިގަތުމުގެ ގޮތުން ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި ޙަމާސުން ސިފަކުރެއެވެ. މަސްޖިދުލްއަޤްޞާއަށް ޔަހޫދީންގެ ލިޔެކިޔުންތައް އެތެރެކުރުމަށް އޮތް ހުރަސްތަކަށް ޔަހޫދީ ދައުލަތުން ލުއިދޭން ފަށާފައި ވަނީ ޖަނަވަރީ މަހުއެވެ. އަދި، ހުސްވި ހަފުތާގައި ޔަހޫދީންގެ ދީނީ ފޮތްތައް މަސްޖިދުލްއަޤްޞާއަށް ވެއްދުމަށް ޔަހޫދީ ފުލުހުން ވަނީ ފުރުޞަތު ދީފައެވެ. މަސްޖިދުލްއަޤްޞާގެ ތެރޭގައި ޖަމާޢަތް ހަދައިގެން ޔަހޫދީން އަޅުކަންކުރުން މަނާކޮށްފައި އޮތް އޮތުމަށް ވެސް ޔަހޫދީ ފުލުހުން ދަނީ ލުއިދެމުންނެވެ. މި ގޮތުން، މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ބެން-ގްވީރާއެކު ހައްދުފަހަނަ އެޅި ޔަހޫދީ ބައިގަނޑަކުން ވަނީ މަސްޖިދުލްއަޤްޞާއަށް ވަދެ، މިސްކިތުގެ ތެރޭގައި ފާޅުގައި އަޅުކަން ކޮށްފައެވެ.

ފަލަސްޠީނުގެ ޤައުމީ މަޖިލީހުން ވެސް ވަނީ، 1969 ވަނަ އަހަރު މަސްޖިދުލްއަޤްޞާގައި ހުޅުޖެހި ހަމަލާއަށް 57 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބަޔާނެއް ނެރެފައެވެ. އެ މަޖިލީހުން ބުނީ، އެ ހަމަލާއަކީ، ބައިތުލްމަޤުދިސް އަދި އެ ރަށުގެ މިސްކިތްތައް ނައްތައިލުމަށް ޔަހޫދީން ރާވައިގެން ހިންގާ ޖަރީމާގެ ފެށުން ކަމުގައެވެ. އަދި، ހަރުކަށި ޔަހޫދީންގެ ގުރޫޕުތަކުން، މަސްޖިދުލްއަޤްޞާގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތު ބަދަލު ކުުރުމަށް ހީލަތްތެރި ރޭވުންތައް ރާވަމުންދާ ކަމުގައި އެ މަޖިލީހުން އިންޒާރު ކުރިއެވެ. މީގެ އިތުރުން، މުސްލިމުންގެ މުޤައްދަސް ބިނާތަކާއި، ނަޞްރާނީންގެ ފައްޅިތަކަށް ޔަހޫދީން ދެމުންދާ ހަމަލާތަކަކީ، އެ ސަހަރުގެ ދީނީ އެއްބައިވަންތަކަމާއި ފަލަސްޠީނުގެ ރައްޔިތުންގެ އައިޑެންޓިޓީ ނިގުޅައިގަތުމަށް ހިންގާ ޖަރީމާއެއްގެ ގޮތުގައި އެ މަޖިލީހުން ސިފަކުރެއެވެ. ޙަމާސުން ވެސް ވަނީ، މަސްޖިދުލްއަޤްޞާގެ ޙިމާޔަތް ކުރުމުގެ ޒިންމާ އަދާކުރުމަށް ޢަރަބި އަދި މުސްލިމް ޤައުމުތަކަށް ގޮވައިލާފައެވެ.

މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާގައި 1969 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 21 ވަނަ ދުވަހު ހުޅުޖެހީ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމުގައިވާ ޑެނިސް މައިކަލް ރޯހަންއެވެ. އެ ހަމަލާގައި މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ހާދިސާއާ ގުޅިގެން ޢަރަބި އަދި އިސްލާމީ ޤައުމުތަކުން ވަނީ މޮރޮކޯގެ ރިބާޠުގައި މަހާސިއްތާއެއް ބާއްވާފައެވެ. މިހާރުގެ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އުފެދިގެން ގޮސްފައި ވަނީ އެ މަހާސިންތާގެ މަޝްވަރާތަކަށް ފަހުއެވެ.