ތަރައްްޤީ

މާރުކޭޓު ގޮޅިތަކުން އުފެދޭ ކުނި ނެގޭނެ ރަނގަޅު ނިޒާމެއް ޤާއިމްކުރަނީ


ދަތުރުވެރިންގެ މާރުކެޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ވަކި ވަކި ގޮޅިތަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓުން އުފެދޭ ކުނިތައް އެޅުމަށް ޚާއްސަކޮށްފައިވާ ގޮޅިއަށް ކުނި އަޅަމުންދަނީ ހަމައެކަނި މާރުކެޓުގެ ގޮޅިތަކުން އެކަނި ނޫންކަމަށާއި ކައިރި ފިހާރަތަކުން އުފައްދާ ކުނިތައްވެސް އެތަނަށް އަޅަމުންދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާކަމަށެވެ.

މިގޮތުން މި މައްސަލަ ހައްލުކުރުމަށްޓަކައި އެ ކައުންސިލުން މިހާރުއްސުރެ މަސައްކަތް ކުރަމުންދާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައޫލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ މާރުކޭޓުގެ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ވަކި ވަކި ގޮޅިތަކުން ކުނި ނެގުމަށްޓަކައި ގޮޅިތަކުގެ ވެރިންނާއި ވެމްކޯއާއެކު މަޝްވަރާތައް ކުރަމުންގެންދާކަމަށެވެ. އަދި އަންނަ ރަމަޞާންމަހުގެ ކުރިން މާރުކޭޓުގެ ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ޝަމާއު ވިދާޅުވިއެވެ.

"ވެމްކޯއާއެކުވެސް މަޝްވަރާތައް ކުރެވިއްޖެ. ޚާއްސަކޯށްފައިވާ ސަރަހައްދަށް ހަމައެކަނި ގޮޅިތަކުން ނަގާ ކުންޏެއްވެސް ނޫން އަޅަނީ.އެހެން ބައެއް ފަރާތްތައް، އެ ސަރަޙައްދުގެ ފިހާރަތަކުންވެސް ކުނި އަޅާކަމުގެ މަޢުލޫމާތުވެސް ލިބޭ." ޝަމާއު ވިދާޅުވިއެވެ.

މާރުކޭޓުގެ ގޮޅިތަކުން އުފެދޭ ކުނި އެޅުމަށް އެ ސަރަހައްދުގައި ވަކި ތަނެއް ވަނީ ކަނޑައަޅާފައެވެ. މިތަނަށް ކުނި އެޅުމުގައި މާރުކެޓުގެ ގޮޅިތަކުގެ ވެރިން ޢަމަލުކުރަމުންދަނީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫނެވެ.

މާރުކޭޓް ގޮޅިތަކުން ކުނިއެޅުމަށް ކަނޑައަޅާފައި އޮންނަ ސަރަހައްދަށް ކުނި އަޅަން ޖެހެނީ ޑަސްބިން ނުވަތަ ކޮތަޅު ނުވަތަ ގޯނިފަދަ އެއްޗަކަށް އަޅައި ބަންދުކޮށްފައެވެ. އަދި އެގޮޅިއަށް މާރުކޭޓް ގޮޅިތަކުގައި އުފެދޭ ކުނިނޫން އެހެން ކުންޏެއް އެޅުމަކީ މަނާކަމެކެވެ. މާރުކެޓް ސަރަހައްދުގައި ކުނި ނެގުމުގެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް އެތަނުގައި ޑަސްޓްބިން ބެހެއްޓުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރޯދަމަށް މާރުކޭޓުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރައްވަމުން ގެންދާއިރު އަންނަ ރަމަޟާން މަހު ދަތުރުވެރިންގެ މާރުކޭޓަކީ އާއްމުނަށް ފަސޭހައިން ގޮސް އުޅޭވޭނެ ސަރަހައްދެއްގެ ގޮތުގައި ހެދުމަށްޓަކައި މިހާރުވެސް ކައުންސިލުން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ލޯކަލް މާރުކޭޓާއި އިންވެގެން ހުރި ޕޭވްމަންޓުގައި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރަށް ޕާކު ނުކުރެވޭނެހެން އެ ސަރަޙައްދުގައި ބޮލާޑު ޖެހުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.