ސިޔާސީ

އާންމުން މިހާރަށްވުރެ ބޮޑަށް ފުލުހުންނަށް އެއްބާރުލުން ދިނުމަށް ހޯމް މިނިސްޓަރ އެދިވަޑައިގެންފި


ފުލުހުން ކުރާ މަސައްކަތްތަކުގައި އާންމުން މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އެދިވަޑައިގެންފިއެވެ.
މިނިސްޓަރ މިކަމަށް އެދިވަޑައިގަތީ ދ.މާއެނބޫދޫގައި ފުލުހުންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ ޢިމްރާން ދެއްކެވި ވާހަކަފުޅުގައި ޤާނޫނު އަސާސީއާއި ޤާނުނޫތަކުގައި ފުލުހުންގެ ޚިދުމަތް ކަނޑައެޅިފައިވަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައިކަން ފާހަގަކޮށް، ފުލުހުން ކުރާ މަަސައްކަތްތަކުގައި ރައްޔިތުން އެއްބާލުލުން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ފުލުހުންގެ ޚިދުމަތް ދިނުމަށް ޑެސްކެއް ޤާއިމް ކުރެވިގެން ދިއުމަކީ އެރަށެއްގައި ފުލުހުންގެ ޚިދުމަތް ދިނުމަށް އެޅިގެންދާ ބިންގަލެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރަށްރަށުގައި ހިނގާ ކަންކަމަށް 24 ގަޑިއިރު ޙާޟިރުވުމަކީ ފުލުހުންގެ އަމާޒުކަމުގައި ހަދައިގެން އެކަމަށް މަސައްކަތްކޮށްދެއްވުމަށްވެސް މިނިސްޓަރ ވަނީ ހުރިހާ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި ފުލުހުންނަކީ ރައްޔިތުންނާއި ގުޅިގެން ވީހާވެސް ރައްތިތުންނާ ގާތުން ޚިދުމަތްދޭ ބައެެއް ކަމުގައިވުމަށާއި ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލަފައިވާ ފުލުހުންގެ ތަސައްވަރުގައިވާ ގޮތުގެމަތިން ރައްޔިތުންނަށް ބޭނުންތެރި ޚިދުމަތްތަކެއް ދިނުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. އަދި މާއެނބޫދޫގައި ފުލުހުންގެ ޑެސްކެއް ޤާއިމްވެގެން ދިއުމަކީ ފުލުހުންގެ ޚިދުމަތް ފުޅާކުރަން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ނިސްބަތުން ކޮންމެ އަދަދަކަށް ފުލުހުން ތިބިކަމުގައި ވިޔަސް ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ފުލުހުންގެ އަމާޒުކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދ.އަތޮޅު މާއެނބޫދޫގައި ޤާއިމްކުރި ޕޮލިސް ޑެސްކުގެ ޚިދުމަތް މިއަދު ފަށްޓަވާދެއްވީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި ކަމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.