ޚަބަރު

ބީ.އާރު.އައިގެ މެމްބަރު ޤައުމުތަކުގެ ދަރަނި ކުޑަކުރުމަށް މަސައްކަތްކުރާނަން - ޗައިނާ


ބެލްޓް އެންޑް ރޯޑް އިނީޝިއޭޓްގެ ދަށުން ޤައުމުތަކުގައި ކުރިޔަށް ގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫތަކުގެ ސަބަބުން އެޤައުމުތައް ދަރަނިވެރިވިޔަ ނުދިނުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ޗައިނާއިން ދީފިއެވެ.

ދެވަނަ ބެލްޓް އެންޑް ރޯޑު ފޯރަމުގެ ސެޝަނެއްގެ ތެރެއިން ވާހަކަ ދައްކަވަމުން ޗައިނާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު، އީ ގާންގް ވިދާޅުވީ ބައިނަލްއަޤްވާމީ ވުޒާރާތަކާއި، އަމިއްލަ ފަރާތްތައް މެދުވެރިކޮށް ބެލްޓް އެންޑް ރޯޑު އިނީޝިއޭޓިވްގެ ދަށުން ޤައުމުތަކުގައި ކުރިޔަށް ގެންދާ މަޝްރޫތައް ހިންގުމަށް އިތުރު ފަންޑު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ބީ.އާރު.އައި އަކީ ޤައުމުތައް ދަރަނިވެރިކުރުވާ މަޅިއެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ބުނަމުންދާ ދިއުމަށް އިޝާރާތްކުރައްވާ ޗައިނާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު، އީ ގާންގް ވިދާޅުވީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދަރަނީގެ ހާލަތު މިހާރަށްވުރެ ސާފުކޮށް، އާންމުކޮށް އެގޭނެހެން އޮންނަން ޖެހޭކަމަށެވެ. އަދި ޗައިނައިން ކުރިޔަށް އޮތް ތަނުގައި ބީއާރުއައިގެ ދަށުން ޤައުމުތަކުގައި މަޝްރޫތައް ހިންގާއިރު، އެޤައުމުތަކުގެ ދަރަނީގެ ތަފްސީލުބަލާ، ޤައުމުތައް ދަރަނިވެރިވާ މިންވަރު ވީހާވެސް ދަށްކޮށް، ގެއްލުން ނުވާނެހެން ސިޔާސަތުތައް ކަޑައަޅާނެކަމަށް ގާންގް ވިދާޅިވިއެވެ.

ދެހާސް ތޭރަ ވަނަ އަހަރު ޗައިނާގެ ރައީސް ޝީ ޖިންޕިން އިއުލާންކުރެއްވި ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް، ބީއާރުއައިއަކީ ސަތޭކަ ފަންސާހަށްވުރެ ގިނަ ޤައުމާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމައަތްތަކުން ބައިވެރިވާ މަޝްރޫއެކެވެ. މިއީޤައުމުތަކުގެ އެއްގަމާއި، ކަނޑު އަދި ވައިގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރަދަނާކޮށް، ޤައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުުރުމަށް ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

މިމަޝްރޫޢުގެ ދަށުން ޤައުމުތަކުގެ ބަނދަރުތައް ތަރައްޤީކޮށް، މަގުތައް ހަދާ، ބްރިޖު، ރެއިލް ވޭ ލައިންތައް ދަނީ ތަރައްޤީކުރަމުންނެވެ.

ބީ.އާރު.އައިއާބެހޭ ގޮތުން މަޝްވަރާކޮށް، އެއްބަސްވުމަށް އައިސް، ސިޔާސަތުތައް ކަނޑައެޅުމަށް ބާއްވާ ބެލްޓް އެންޑް ރޯޑުގެ ދެވަނަ ފޯރަމް ބެއިޖިންގައި ފެށިފައިވާއިރު، މިފޯރަމުގައި މިއަހަރު 37 ޤައުމެއްގެ އެންމެ އިސް ވެރިން ބައިވެރިވަމުންދެއެވެ.

މީގެއިތުރުން 150 ޤައުމަކާއި ބައިނަލްއަޤްވަމީ ޖަމުޢިއްޔާ ޖަމައަތްތަކުގެ ވެރިންވެސް ބައިވެރިވާއިރު، އދ ގެ ސެކްރެޓްރީ ޖެނެރަލް އެންތޯނިއޯ ގުތަރެޝް އަދި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ ވެރިޔާ ކްރިސްޓިއަން ލަގާޑުވެސް ހިމެނިވަޑައިގަންނަވައެވެ.
މިމަހުގެ 25 - 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ފޯރަމުގައި ފަސްހާހަށްވުރެ ގިނަ އޮފިޝަލުން ބައިވެރިވެއެވެ.

މިއަހަރުގެ ބެލްޓް އެންޑް ރޯޑު ފޯރަމުގެ ޝިއާރަކީ ޝޭޕިން އަ ބްރައިޓަރ ޝެއާޑް ފިއުޗަރ އެވެ. އަދި މިފޯރަމުގައި 2017 ވަނަ އަހަރު ބޭއްވުނު ބެލްޓް އެންޑް ރޯޑުގެ ފުރަތަމަ ފޯރަމުގައި މަޝްވަރާކޮށް އެބަސްވެވުނު ކަންތައްތައް މިހާރު ކުރިޔަށް ގޮސްފައިވާ ހިސާބު ބަލާ، ބެލްޓް އެންޑް ރޯޑުގެ ދަށުން ހިންގޭ މަޝްރޫތައް ހަރުދަނާކުރެވޭނެ ގޮތްތަކާބެހޭ ގޮތުން މުރާޖަކުރާނެއެވެ. އަދި އައު މަޝްރޫތަކާބެހޭ އެއްބަސްވުންތަކުގައިވެސް ސޮއިކުރެވޭނެއެވެ.