ޚަބަރު

މިއަހަރުގެ ވޯލްޑް ސްކޮލަރސް ކަޕްގައި ރާއްޖެއިން 251 ދަރިވަރުން!


މިއަހަރުގެ ވޯލްޑް ސްކޮލަރސް ކަޕްގައި ރާއްޖޭގެ 7 ސްކޫލަކުން 251 ދަރިވަރުން ބައިވެރިވެފައިވެއެވެ. ދުނިޔޭގެ ފެންވަރަށް ކުރިއަށްގެންދާ މި މުބާރާތުގައި ފަންސާހަށްވުރެ ގިނަ ގައުމްތަކުން ވަނީ ބައިވެރިވެފައެވެ.

ޑިބޭޓާއި ކޮލޯބޮރޭޓިވް ރައިޓިންގ، ސްކޯލަރސް ޗެލެންޖްގެ އިތުރުން ސްކޮލަރސް ބޯލް ނަމުގައި މި 4 މުބާރާތްވެސް މި ކަޕްގައި ކުރިއަށްދާނެއެވެ. ތިން ބުރަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ސްކޫލުތަކުގެ ތެރޭގައި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް، އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، ބިލަބޮންގ އިންޓަރނޭޝަނަލް ސްކޫލް، ވިލާ އިންޓަރނޭޝަނަލް، ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލްގެ އިތުރުން ޢާޒީ ސްކޫލާއި ހުރަވީ ސްކޫލް ހިމެނެއެވެ. މި ކަޕްގައި ޖުމުލަ ހަތަރު މުބާރާތް ކުރިއަށްދާނެއެވެ. މިއީ އިންޓަރނޭޝަނަލް އެކަޑެމިކް ކަޕެއް ކަމަށް މައުލޫމާތުލިބެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޣިޔާސުއްދީން އިންޓަރނޭޝަންލް ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ހަމީމާ އަބްދުލް ޣަފޫރް ވިދާޅުވީ މިފަދަ މުބާރާތްތަކަކީ ދަރިވަރުންނަށް ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ މުބާރާތެއް ކަމަށެވެ. އަދި ރާއްޖޭން މާލޭގެ ގިނަ ސްކޫލްތަކުން މިކަމުގައި ބައިވެރިވުމަކީ އެދިލެއްވުމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މުބާރާތުން މީގެ ކުރިންވެސް ރާއްޖޭގެ ދަރިވަރުންވަނީ ކާމިޔާބީތައް ހޯދާފައެވެ. މުބާރާތުން ރާއްޖޭގައި ކުރިއަށްގެންދާ ރައުންޑް އޮންނާނީ މިމަހުގެ 24 އަދި 25ގައެވެ.