ޚަބަރު

ބޮމުގެ ޙަމަލާތަކާއި ގުޅިގެން ސްރީ ލަންކާގެ ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް!


މިދިޔަ އާދިއްތަ ދުވަހު ސްރީ ލަންކާގައި ދިން ވަރުގަދަ ބޮމުގެ ޙަމަލާތަކަށްފަހު، ގިނަ އަދަދެއްގެ ފަތުރުވެރިން އެމީހުންގެ ދަތުރުތައް ކެންސަލްކުރަންފަށާފައިވާކަމަށް އެ ޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފިއެވެ.

ސްރީ ލަންކާގައި ދިން ޙަމަލާތައް އަމާޒުކޮށްފައިވަނީ ޢާންމުކޮށް ފަތުރުވެރިން ޒިޔާރާތްކުރާ އެ ޤައުމުގެ މަޝްހޫރު ހޮޓާތަކަށާއި ނަޞާރާދީނުގެ ފައްޅިތަކަށެވެ. ސްރީލަންކާއަކީ ރީތި ގޮނޑުދޮށްތަކާއި ހިތްގައިމު އިރުއޮއްސޭ މަންޒަރުތަކުގެ އިތުރުން މުއްސަނދި ޡަޤާފަތެއްގެ ސަބަބުން މަޝްހޫރުކަމާއި މަޤްބޫލުކަން ހޯދާފައިވާ ޤައުމެކެވެ. ނަމަވެސް، އާދިއްތަ ދުވަހުގެ ޙަމަލާތަކަށްފަހު އެ ޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތަށްވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. އަދި އެ ޤައުމުގެ ޙިއްސާގެ ބާޒާރުގެ އަގުތައްވަނީ ފާއިތުވި 10 އަހަރު ދަށަށް ނުދާވަރަށް ދަށަށް ގޮސްފައެވެ.

މި ޙަމަލާތަކުގެ އަސަރު ކިހާވަރަކަށް ވިޔަފާރިއަށް ކުރިތޯ އެހުމުން ޖެޓްވިންގެ ހޮޓެލްސްގެ ޗެއަރމަން ޝިރޮމަލް ކޫރޭ ބުނީ ސީދާކޮށް ބުނަން ނޭނގުނަސް ވަރަށް ގިނަ ޢަދަދެއްގެ ބުކިންތައް ކެންސަލް ކުރާ ކަމަށެވެ.

"ސީދާ އިންސައްތައެއް ބުނަން އުނދަގޫ. އެކަމަކު ބައިވަރު މީހުން ގުޅާފައާއި އީމެއިލް މެދުވެރިކޮށްވެސް އަހަމުންދޭ މިހާރު ސްރީ ލަންކާއަށް ދަތުރުކުރުން ރައްކާތެރިތޯ. ބައެއް ފަރާތްތަކުން ނުވެސް އަހާ، ހަމަ ކެންސަލްކޮށްލަނީ. ފުދޭ ވަރަކަށް ބޮޑު ގެއްލުމެއްވާނެ މި ޙަމަލާތަކުގެ ސަބަބުން،'' ކޫރޭ ބުންޏެވެ.

ސްރީ ލަންކާގެ ފުލުހުންވަނީ މިހާތަނަށް ބޮމުގެ ހަމަލާތަކާއި ގުޅިގެން 60 މީހުން ހައްޔަރުކޮށް، އެ ޤައުމުގެ ހުރިހާ ހިސާބެއްގައިވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އިތުރު ޙަމަލާތަކެއް ކުރިމަތިވިޔަ ނުދިނުމަށާއި ސަލާމަތީ ބާރުތަކަށް އިތުތު ބާރުތަކެއް ދިނުމަށް ފުލުހުންވަނީ ރޭގަނޑުގެ ވަކި ގަޑިތަކެއްގައި ކަރފިއު އިޢުލާނުކޮށް ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފައެވެ.

ސްރީ ލަންކާގެ ޓުއަރިޒަމް ޑެވެލޮޕްމެންޓް އޮތޯރިޓީގެ ޗެއަރމަން ކިޝޫ ގޯމޭސް ވިދާޅުވީ މި ޙަމަލާތަކުގެ ސަބަބުން އިޤްތިސާދަށް ލިބޭ ގެއްލުންތަކަށް ބާރުނުފޯރުވޭނެކަމަށެވެ. ނަމަވެސް، ވަރަށް އިތުބާރާއެކު ކުޝޫ ވިދާޅުވީ ސްރީ ލަންކާއިން މިޙާލަތު ބަދަލުކޮށް ވަރަށް އަވަހަށް ޢާންމު ޙާލަތަށް ރުޖޫޢަވާނެކަމަށެވެ.

"މިފަދަ ޙާލަތްތަކުގައި ފަތުރުވެރިކަމަށް ދިމާވާ ގެއްލުންތައް އެއީ ކުރިމަތިވާނެކަމެއް. އެކަމުން އަރައިގަނެ ފަތުރުވެރިންނަށް އަނެއްކާވެސް ޤަބޫލުކޮށްދޭން ޖެހޭނީ މިހާރު ރައްކާތެރިކަން. ޤައުމެއް ގޮތުގައިވެސް ފަތުރުވެރިކަމުގެ ސިނާޢަތް ކުރީގެ ޙާލަތަށް އިއާދަވުމަށް އެންމެން ގުޅިގެން މަސައްކަތްކުރާނެ. މީގެ އިތުރުން، ފަތުރުވެރިންނަށް އެ ޔަޤީންކަން ފޯރުކޮށްދޭން އިތުރު މަސައްކަތްތަކައް ކުރާނެ،''

ގިނަ ފަތުރުވެރިން އެމީހުންގެ ދަތުރުތައް ކެންސަލްކުރަމުން ނުވަތަ ލަސްކުރަމުންދިޔަ ނަމަވެސް، ބައެއް އެއަރލައިންތަކުންނާއި ޓްރެވަލް އޭޖެންޓުންވަނީ އެމީހުން އަތުން ކެންސެލޭޝަން ފީ ނުނަގާނެކަމަށް ބުނެފައެވެ.

ސްރިލަންކާގެ ޓުއަރިޒަމް ޑެވެލޮޕްމެންޓް އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި 2009ވަނަ އަހަރާ ބަލާއިރު، މިދިޔަ އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތްވަނީ 400 އިންސަންތަ އިތުރުވެފައެވެ. މިދިޔަ އަހަރު ސްރީލަންކާއަށް 2.3 މިލިއަން ފަތުރުވެރުން ޒިޔާރަތް ކުރިއެވެ. ނަމަވެސް މިއަދަދު މިއަހަރު ދަށްވާނެ ކަމަށް ލަފާކުރެވެއެވެ.

ފަތުރުވެރިކަމުން ސްރީ ލަންކާއަށް އަހަރަކު 4.4 ބިލިއަން އެމެރިކާ ޑޮލަރ ލިބެއެވެ. ފަތުރުވެރިކަމުގެ ސިނާޢަތަކީ އެ ޤައުމުގެ ޖީޑީޕީގެ 5 އިންސަންތައެވެ. މީގެ އިތުރުން، އެ ޤައުމުގެ ކޮންމެ 20 މީހަކުން އެކެއް މަސައްކަތްކުރަނީވެސް ފަތުރުވެރިކަމުގެ ސިނާޢަތުގައެވެ.