ޚަބަރު

ޤައުމަށް އުޖާލާކަމާއި އާރޯކަން ގެނެވޭނީ ފަރުދީ ޒިންމާ އަދާކޮށްގެން - ހޯމް މިނިސްޓަރ


ދިވެހި ޤައުމަށް އުޖާލާކަމާއި އާރޯކަން ގެނެވޭނީ ކޮންމެ ރައްޔިތަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށްގެންކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅު އުނގޫފާރުގައި މިއަދު ފެށި ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވާ ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވީ, މުޅި ޤައުމުގެ މުސްތަޤްބަލާއި އުފާވެރިކަމާއި އުޖާލާކަން ބިނާވެގެންވަނީ ރައްޔިތުން ފަރުދީ ޒިއްމާ އަދާކޮށްގެންކަމަށެވެ. އެގޮތުން ވަކިން ޚާއްޞަކޮށް ޒުވާނުން އެމީހުން އަދާކުރަންޖެހޭ ފަރުދީ ޒިންމާ ފުރިހަމައަށް އަދާކޮށްގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި އެތައް ސަތޭކަ މިލިއަން މީހުން މެނޭޖްކުރަމުންދާތަން ފެންނައިރު، ރާއްޖޭގައި ތިބި ހަތަރު ލައްކައެއްހައި މަދު މީސްކޮޅު ޒިންމާދާރުކަމާއެކު ބިނާ ނުކުރެވުމަކީ ހިތާމަކުރާކަމެއްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޤައުމެއްގެ ސުލްހަ މަސަލަސްކަމާއި އެކުވެރިކަމާއި އިޖްތިމާއި ހަމަޖެހުމާއި އިގްތިޞާދީ ތަރައްޤީއާއި ކުރިއެރުމާއި އާއިލާތަކުގެ ބަދަހިކަމާއި އުފާވެރިކަން ބިނާވަނީ ޒިންމާއަދާކުރުމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން އެ ހުރިހާ ކަމަކާއިމެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެވެސް ގަބޫލުކުރަންވީ ވަރަށް ގިނަ ޒިންމާތައް އަދާކުރަން އެބައޮތްކަން. އެ ޒިންމާތަކުގެ ކުރިމަތީގައި ކޮންމެ ދުވަހަކު އަމިއްލަ ނަފުސާއި ސުވާލުކުރަންވީ ތިމާގެ ޒިންމާ ތިމާއަށް ފުރިހަމައަށް އަދާ ކުރެވޭތޯ ކޮންމެ މީހަކުވެސް ފުރިހަމައަށް އަދާކުރަންޖެހޭ ޒިންމާތަކެއް އޮތް ކަމަށް" ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

އުނގޫފާރުގައި ކުރިއަށްދާ ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ މަސައްކަތު ބައްދަލުވުން އަމާޒުކޮށްފައި ވަނީ، ރ.އަތޮޅުގެ ކައުންސިލް މެމްބަރުންނަށާއި، ރަށު ކައުންސިލްތަކުގެ މެމްބަރުންނަށާއި، ޒިންމާދާރު ވެރިންގެ އިތުރުން ހަރަކާތްތެރި ޖަމްއިއްޔާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށެވެ.

މި މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ އަމާންވެއްޓެއް ޤާއިމް ކުރުމާއި، ރައްޔިތު މީހާ އަކީ ޒިންމާދާރު މީހަކަށް ހެދުމަށް މަސައްކަތް ކުރުމާއި، ފަރުދީ ޒިންމާ ނަގަން ހިތްވަރު ދިނުމުގެ އިތުރުން ޒިންމާދާރު ގޮތެއްގައި ރަށު އަދި އަތޮޅު ފެންވަރުގައި މަސައްކަތްކުރުމުގެ މުޙިންމުކަން އަންގައިދިނުމެވެ.