ރާއްޖޭގެ ކޯސްޓްގާޑާއި ޖަޕާނުގެ ނޭވީއާ ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އަސްކަރީ ހަރަކާތެއް ކުރިއަށްގެންދިއުމަށް، ޖަޕާނުގެ އަސްކަރީ މަނަވަރު، "ޖޭއެސް ސަމިޑާރެ" ރާއްޖެ އަތުވެއްޖެއެވެ.
"ޖޭއެސް ސަމިޑާރެ"އަކީ، 2000 ވަނަ އަހަރު ބިނާކޮށް 2001 ވަނަ އަހަރުން ފެށިގެން ޖަޕާނުގެ ކަނޑުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށްޓަކައި ބޭނުންކުރަމުންދާ އަސްކަރީ މަނަވަރެކެވެ. ދިގުމިނުގައި 151 މީޓަރު ހުންނަ މި މަނަވަރުގައި ތިން ފަންގި ފިލާއެއް ހުންނައިރު، މި މަނަވަރުގައި 60 ހާސް ހޯޕަވަރުގެ 4 ޑީސަލް އިންޖީން ބަހައްޓާފައިވެއެވެ. ގަޑިއިރަކު 56 މޭލު ބާރު މިނުގައި ދުއްވުމުގެ ޤާބިލުންކަން ލިބިފައިވާ މި މަނަވަރު މިހާރު ރާއްޖެ އައިސްފައިވާއިރު، މި މަނަވަރު ބަލާލުމައްޓަކައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ސްކޫލް ދަރިވަރުން ވަނީ ޒިޔާރަތްކޮށްފައެވެ.
މި މަނަވަރު ބަލާލުމަށްދިޔަ ފަރާތްތަކަށް މަނަވަރުގައި ޤާއިމުކޮށްފައިވާ ވަސީލަތްތައް ކޮންމެ ސެކްޝަންއެއްގެވެސް ކޮމާންޑަރުންވަނީ ކިޔާދީފައެވެ. އެގޮތުން މި ޒިޔާރަތުގައި މި މަނަވަރުގައި ޤާއިމުކޮށްފައިވާ، އެންޓި ސަބްމެރިން، އެންޓި އެއަރ އަދި އެންޓި ސަރފޭސްގެ ހަތިޔާރުތައްވެސް ޒިޔާރަތުގެ ބައިވެރިންނަށްވަނީ ދައްކާލާފައެވެ.
މި އަސްކަރީ މަނަވަރުގައި، ކުރު ރާސްތާގެ މިސައިލްތަކާއި، އަވަސް ހަމަލާދޭނެ އޮޓޮމެޓިކް ފަޔަރިން ސިސްޓަމާއި، އެންޓި ސަބްމެރިން ރޮކެޓާއި، ކްލޯސްއިން ވަން ވެޕަން ސިސްޓަމްފަދަ ތަފާތު ގިނަ ޒަމާނީ އަސްކަރީ ހަމަލާދޭ ނިޒާމުތަކެއް ވަނީ ޤާއިމުކޮށްފައެވެ. އަދި މި މަނަވަރުގައި އަސްކަރީ ދެ ހެލިކޮޕްޓަރުވެސް ބޭނުންކުރެއެވެ.
މި އަސްކަރީ ހެލިކޮޕްޓަރުތަކަށް އަރާ ފޮޓޯ ނެގުމުގެ ފުރުސަތުވެސް މި މަނަވަރު ބަލާލުމަށްދިޔަ ފަރާތްތަކަށް ވަނީ ދީފައެވެ. މީގެ އިތުރުން މި ޒިޔާރަތުގައި މި މަނަވަރުގެ ފަޅުވެރިންވަނީ، އަސްކަރިއްޔާގައި ބޭނުންކުރާ ބައެއް އުކުޅުތަށްވެސް ދައްކާލާފައެވެ.
"ޖޭއެސް ސަމިޑާރެ" ރާއްޖެއައިސްފައިވަނީ މާދަމާ ރާއްޖޭގެ ކޯސްޓްގާޑާއި ޖަޕާނުގެ ނޭވީއާއި ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އަސްކަރީ ހަރަކާތެއް ކުރިއަށްގެންދިއުމަށެވެ. މި ދަތުރުގައި މި އަސްކަރީ މަނަވަރުގެ ފަޅުވެރިން ރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުﷲ ޝަމާލްގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއިގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.