ސިޔާސީ

ރައީސުލްޖުމްހޫރިއްޔާ ސިފައިންގެ ކެޕްސްޓޯން ޑޮކްޓްރިންގެ އޮނިގަނޑު ނެރެދެއްވައިފި


ދިވެހި ސިފައިންގެ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެކުލަވާލި ސިފައިންގެ ކެޕްސްޓޯން ޑޮކްޓްރިންގެ އޮނިގަނޑު އެމްއެންޑީއެފްއިން ނެރުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ނެރެދެއްވައިފިއެވެ. ސިފައިންގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އޮނިގަނޑު ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

ސިފައިންގެ އަހަރީދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާ ކޮށީގެ ހެވިކަމުގެ މައިދާނުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ނެރެދެއްވި ސިފައިންގެ ކެޕްސްޓޯން ޑޮކްޓަރިން ކޮމާންޑް ފޮތަކީ، ދިވެހި އަސްކަރިއްޔާގެ އެންމެހައި ޖޮއިންޓް ޑޮކްޓްރިންތަކާއި، ސަރވިސްތަކުގެ ޑޮކްޓްރިންތަކަށް މަގުދައްކައިދޭ އެންމެ އިސް ޑޮކްޓްރިންއެވެ.

މިޑޮކްޓްރިން އިން އެނގިގެންދަނީ، ޤައުމީ އިސްތިރާޖީ މަސްލަޙަތުތަކާއި ލަނޑުދަނޑިތަކެވެ. އަދި ދިވެހި އަސްކަރިއްޔާ ބައްޓަންވާންވީ، އަދި ރޭވި ތަރުތީބުވާންވީ ކިހިނެތްކަންވެސް މިޑޮކްޓްރީންއިން އެނގިގެންދެއެވެ. މީގެ އިތުރުން ސަރުކާރުގެ އެހެނިހެން އިދާރާތަކާއި ގުޅިގެން މަސައްކަތްކުރުމުގެ އިންތިޒާމުތައް ރާވައި ވިލަރެސްކުރަންވީ ގޮތްވެސް މި ފްރޭމްވޯކުން އެނގިގެންދެއެވެ.

ޤައުމީ ދިފާއީ ބާރުގެ ކެޕްސްޓޯން ޑޮކްޓްރިންގެ އޮނިގަނޑު ނެރެދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ދިވެހި ސިފައިންގެ ޚިދުމަތް، ޒަމާނީ ފެންވަރަށް ތަރައްޤީވެގެންދާ ސިފައިންގެ ޑޮކްޓްރީންގެ އެހީގައި، ދިވެހި ޢަސްކަރިއްޔާގެ އިސްތިރާޖީ ކުރިމަގު ބައްޓަންވެގެންދާނީ ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަ ބަދަލުތަކަށް ވެސް ރިޢާޔަތްކޮށް، ދިމާވާ ގޮންޖެހުންތަކާއި ނުރައްކާތަކާ ކުރިމަތިލެވޭނެ ގޮތަށް ކަމަށެވެ. އަދި މި ޑޮކްޓްރީނުން ގެނެސްދޭ ބަދަލުތަކާ އެކު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ވެގެންދާނީ، ޢަސްކަރިއްޔާއެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ، ހުނަރާއި ތަމްރީން ލިބިފައިވާ އަދި ވަސީލަތުގެ ގޮތުން ވެސް، ޤާބިލުކަން ލިބިފައިވާ ލަޝްކަރެއްގެ ގޮތުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"މާތް ﷲގެ ވާގިފުޅާއެކު، ދިވެހި ޢަސްކަރިއްޔާގެ ބާރުތައް އަލުން އެކުލަވާލައި ތަރުތީބުކުރެވިގެންދާނީ، މިރޭ މި އިފްތިތާޙްކުރި ޑޮކްޓްރީންގެ އަސާސްތަކުގެ މައްޗަށް. އެ ޑޮކްޓްރީންއިން ގެނެސްދޭ ބަދަލުތަކާއެކު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ވެގެންދާނީ، ޢަސްކަރިއްޔާއެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ، ހުނަރާއި ތަމްރީން ލިބިފައިވާ އަދި ވަސީލަތުގެ ގޮތުންވެސް ޤާބިލުކަން ލިބިފައިވާ ލަޝްކަރަކަށް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، އަސްކަރިއްޔާއަކީ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ އަދި ޖަވާބުދާރީވާ އަސްކަރީ ފައުޖަކަށް ހެދުމަށް އަލަށް ތައާރަފް ކުރެވުނު ސިފައިންގެ ކެޕްސްޓޯން ޑޮކްޓްރިން އަކީ ލަނޑުދަނޑި ހާސިލްކުރުމުގެ މުހިއްމު ވަސީލަތަކަށް ވެގެންދާނެކަމަށެވެ.

"އަސްކަރިއްޔާއަކީ ފައިޓިންގ ފިޓް، މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ އަދި ޖަވާބުދާރީވާ އަސްކަރީ ފައުޖަކަށް ހެދުމަށް އަދި ސިފައިންގެ ކެޕްސްޓޯން ޑޮކްޓްރިން އިރާދަކުރެއްވިޔާ ވެގެންދާނެ މިލަނޑުދަނޑި ހާސިލުކުރުމުގެ މުހިއްމު ވަސީލަތަކަށް ވެގެންދާނެ" މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ޤައުމީ ދިފާއީ ބާރު ހަރަކާތްތެރިވާންޖެހޭ ދާއިރާތައް މައިގަނޑު ހަތަރު ދާއިރާއަކަށް ގިންތިކުރެވޭއިރު، ޤައުމުގެ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށް އަސްކަރިއްޔާ ތަބާވާ އަސާސްތަކާއި، ދިވެހި އަސްކަރިއްޔާގެ ޒާތީ ސިފަތަކާއި، ހަނގުރާމަވެރި ޤާބިލިއްޔަތު އުފައްދައިދޭ މާއްދާތަކުގެ ތެރޭގައި ހިމެނޭ، މަފްހޫމީ ބަޔާއި، އަޤީދާގެ ބަޔާއި، ޖިސްމާނީބައި ބައްޓަންކުރަންވީ ގޮތްވެސް މި ޑޮކްޓްރީން އިން އެނގިގެންދާނެއެވެ.

ސިފައިންގެ ޑޮކްޓްރީން ނެރެދެއްވުމުގެ އިތުރުން، މި ޖަލްސާގައި ފާއިތުވި އަހަރު ސިފައިންގެ ޔުނިޓްތަކުގެ ތެރެއިންނާއި އެންމެ ފަޚުރުވެރި ކާމިޔާބީތައް ހާސިލްކޮށްފައިވާ ފަރާތްތަކަށް ޝަރަފުގެ އައްޑަނަ ޙަވާލުކުރުންވެސް އޮތެވެ. މި އައްޑަނަވެސް ޙަވާލުކޮށްދެއްވީ ރައީސް ޞާލިޙެވެ.

އަދި ސިފައިންގެ ޤައުމީ ޚިދުމަތުގައި ކުރަމުންދާ މަސައްކަތްތަކަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ޝަރަފުގެ އައްޑަނައާ ލިޔުން ވަނީ ދެއްވާފައެވެ. އެފަރާތްތަކަށް އައްޑަނައާ ލިޔުން ޙަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

ސިފައިންގެ ޤައުމީ ޚިދުމަތް ދިނުމަށް ކުރާ މަސައްކަތުގައި، ސިފައިންނާއި ޢާންމު ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހި ކުރުމާއި ސިފައިންގެއަށް ރީތިނަން ހޯދައިދިން ޔުނިޓްތަކަށް އަގުވަޒަންކުރުމުގެ ލިޔުންވެސް މި ރަސްމިއްޔާތުގައި ވަނީ ދެއްވާފައެވެ. އެފަރާތްތަކަށް ލިޔުން ޙަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.