ހުޅުމާލޭގައި ހަދަމުންދާ ސިފްކޯ ހިޔާގެ ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ސިފައިންގެ 127 ވަނަ އަހަރީދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ސިފައިންނަށާއި، ސިފައިންގެ އާއިލާތަކަށްވެސް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބެން ނެތުން ކަމަށެވެ. އެކަން ހައްލުކުރުމަށް ހަދަން ފަށައި، ނަމަވެސް ނުނިމި ދިގުލައިގެން ގޮސްފައިވާ ސިފްކޯ ހިޔާ ފްލެޓްތައް ނިންމުމަށް ބޭނުންވާ ފައިސާ ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އުންމީދަކީ، ފްލެޓްތަކުގެ މަސައްކަތް ނިމި މިއަހަރުތެރޭ އެފްލެޓްތަކުގައި ދިރިއުޅެވޭވަރު ވެގެންދިއުންކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ޤައުމު ބިނާކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވަނީ ޤައުމުގެ މައިބަދައަކީ ދިވެހި އަސްކަރިއްޔާކަމުގައި ބަލައިގެންކަމަށް ވިދާޅުވެ ރައީސް ޞާލިޙް ވިދާޅުވީ، ހުރިހާ ގޮތަކުންވެސް ދިވެހި ސިފައިންގެ ފެންވަރާއި ޤާބިލުކަން އިތުރުކުރުމަށް ޚާއްސަ އިސްކަމެއްދީގެން ސަރުކާރުން ކަންތައްތަކެއް ކުރައްވާނެ ކަމަށެވެ. އެގޮތުން ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ސިއްޚީ ޚިދުމަތް ފޯރުކޮސްދޭ "ސެނަހިޔާ" ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ހުރިހާކަމެއް ނިމިފައިވާކަމަށާއި، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެކަން ފުރިހަމަވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ސިފްކޯ ހިޔާގެ ފްލެޓްތަކުގެ މަސައްކަތައް ބޭނުންވާ ފައިސާ މިވަނީ މިހާރު ލިބިފައި. އުންމީދަކީ މިއަހަރުތެރޭ އެފްލެޓްތަކުގައި ދިރިއުޅެވޭވަރުވުން. ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ ސިއްޚީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، ސެނަހިޔާ ނަމުގައި ހިންގާ ކްލިކް، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ހުރިހާކަމެއް މިހާރުވަނީ ނިމިފައި. ކުރިއަށް އޮތް ދެމަސްތެރޭ ސެނަހިޔާ ހޮސްޕިޓަލަކަށް ބަދަލުވާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ސިފައިންގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ބައެއްކަމުގައިވާ ކޯސްޓްގާޑްގެ އުޅަނދުތަކަށް ޚާއްސަ ދާއިމީ ބަނދަރަކާއި، ޑޮކްޔާޑެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތައް ޙައްލުކުރުމުގެ މަސައްކަތް ސަރުން މިހާރު ފައްޓަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ސިފައިންގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް އަވައްޓެރި ޤައުމުތަކުން އިތުރު ތަމްރީނުތައް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާކަމުގައި ރައީސް ޞާލީހް ވިދާޅުވިއެވެ.