ސިޔާސީ

ވެރިންނަށް ތިބޭ މީހުން ބޭނުންވީމަ ސިފައިން ވަޒީފާއިން ކެނޑުން ދެން ނިމުނީ - މާރިޔާ


ވެރިންނަށް ތިއްބަވާ ބޭފުޅުން ބޭނުންވާ ހިނދެއްގައި ރެއާއި ދުވާލު ހިދުމަތުގައި އުޅުއްވާ ސިފައިން ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކި ކުރެވޭނެ ފުރުސަތު ނުދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ 127ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ސިފައިން ފޯރި މަރަމުން ދިޔައީ މާޔޫސްކަމާއި ނާއުއްމީދާއި އެކުގައި ކަމަށެވެ. އަދި ވަޒީފާ ގެއްލުމުގެ ބިރުވެރިކަން އިންތިހާއަށް ސިފައިންގެ ތެރޭގައި އޮތް ކަމަށާއި އެކަންކަން މި ސަރުކާރުން ހަރުދަނާ އުޞޫލަކުން ލިޔެ ތަރުތީބު ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

"ޝަކުވާ ބެލޭނެ ނިޒާމެއް ގާއިމު ކުރަމުން، ބޭނުމަކީ ބޮޑުން ހިތުހުރިހާ ގޮތަކަށް އެތައް ޒަމާނެއް ވަންދެން ރެއާއި ދުވާލު ހިދުމަތުގައި އުޅުއްވާ ސިފައިން ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކި ކުރެވޭނެ ފުރުސަތު ނުދިނުން،" މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ޑިފެންސް މިނިސްޓަރާއި ޙަވާލުވެވަޑައިގަތްއިރު ދިވެހި އަސްކަރިއްޔާ އޮތް ޙާލަތާއި މެދު ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އެކަމަނާ ވިދާޅުވީ އަސްކަރިއްޔާގެ އެކި ޑިޕާޓުމަންޓުތަކުން ބޭނުން ކުރަމުންދިޔަ ގިނަ އުޅަނދުފަހަރުތައް ހަލާކުވެފައިވާ ކަމަށެވެ.