މިދިޔަ އާދީއްތަދުވަހު އަވަށްޓެރި ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއަކީ މުޅި މި ސަރަހައްދަށް ކުރިމަތިވި ބޮޑު ނުރައްކަލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވަނީ ލަންކާއަށް ދިން ބޮމުގެ ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. ރައީސް ޞާލިޙު ވިދާޅުވީ އާދީއްތަ ދުވަހުގެ ޙަމަލާއަކީ ސްރީލަންކާއަށް ދިން ހަމަލާއެއް ނަމަވެސް އެއީ ރާއްޖެއާއި އަދި އަވައްޓެރި ޤައުމުތައް ހިމެނޭ މި ސަރަހައްދަށް ދިން ހަމަލާއެއްކަމަށެވެ. އަދި މި ހާދިސާއާއި ގުޅިގެން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން އެކަމަށް ސަމާލުވެ އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ މަސައްކަތް ފައްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
"އެފަދަ ރަޙުމްކުޑަ އަނިޔާއެއް ދިނުމަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެކަމެއް ނޫން. ދިވެހި ސަރުކާރާއި، ރައްޔިތުން، އެނުބައި ޖަރީމާ ކުށްވެރިކުރަނީ އެންމެ ހަރުކަށި އިބާރާތުން. އެއީ ސްރީލަންކާގައި ދިންހަމަލާއަކަސް ވިއަސް އެއީ މުޅި މިސަރަހައްދަސް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް. އެނުރައްކާތެރި ހަމަލާއާއި ގުޅިގެން ޤައުމީ ދިފާއީ ބާރާއި ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، ދިވެހި ފުލުހުން ގުޅިގެން މިހާރުގެ ސަލާމަތީ ހާލަތު ވަޒަންކޮށް އަޅަންޖެހޭފިޔަވަޅުތރައް އެޅުމުގެ މަސައްކަތް މިވަނީ ފަށާފައި" ރައީސް ޞާލިޙްވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ މަތިކުރެވިފައިވާ، މަދަނީ އަދި ޢަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ހިތްވަރާއި ނުގުޑާ ފަދަ ޢަޒުމެއްގައި، ސާބިތުވެ ތިއްބެވުމަށް އިލްތިމާސްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، ރާއްޖޭގެ މިނިވަންކަމާއި ރައްޔިތުންގެ ޙިމާޔަތަށްޓަކައި އަސްކަރިއްޔާގެ ބަދަހިކަމަށް، ދިވެހި ހިތްވަރުގަދަ ސިފައިންގެ އެންމެ ފަހު މީހާއާއި ހަމައަށް ކުޑަވެސް ލޮޅުމެއް ނާރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހިތްވަރާއި ހިކްމަތްތެރިކަމަށް ތައުރީފުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙްވަނީ ދިވެހި ޤައުމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ޤައުމު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ދިވެހި ސިފައިން މިއަދުވެސް ތިބީ ކެރިގެން ތައްޔާރަށްކަން ފާހަގަކުރައްވާފައެވެ.