ޚަބަރު

ޕީއެންސީގެ ރައީސްކަމަށް ވާދަކުރާނަން - އަބްދުއްރަހީމް


ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ރައީސްކަމަށް އެޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ކުރިމަތިލައްވައިފިއެވެ.

ޕީޕީ.އެމް ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، މިމަހުގެ 26 ވަނަ ދުވަހު ބާއްވާ ޕީއެންސީގެ ޤައުމީ ޖަލްސާގައި ހޮވާ ޕާޓީގެ އިސްމަގާމުތަކަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ޕީއެންސީގެ ރައީސްކަމަށް ވާދަކުރަން މިހާރު ހުށައަޅާފައިވާކަމަށެވެ.

އަންނަ ހުކުރުދުވަހު ބާއްވާ ޕީއެންސީގެ ޤައުމީ ޖަލްސާގައި އެ ޕާޓީގެ ރައީސާއި ނާއިބް ރައީސްގެ އިތުރުން ކައުންސިލްގެ މެންބަރުންވެސް އައްޔަންކުރުން އޮންނާނެއެވެ.

ޕީއެންސީގެ ވަގުތީ ރައީސްގެ މަޤާމުގައި މިވަގުތު ހުންނެވީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ އެވެ. އަދި ވަގުތީ ނާއިބް ރައީސުންގެ ގޮތުގައި ތިއްބެވީ ކުރީގެ އިކޮނޮމިކް މިނިސްޓަރ އަޙްމަދު ސަޢީދާއި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ފޮނަދޫ ދާއިރާއަށް ވާދަކޮށް ޕީއެންސީގެ ނާއިބު ރައީސް އަބްދުއްރަހީމަށް ގޮނޑި ގެއްލިފައެވެ. ނަމަވެސް އެޕާޓީގެ ވަގުތީ ދެ ނާއިބު ރައީސުންގެ ގޮތުގައި ތިއްބެވި ކުރީގެ އިކޮނޮމިކް މިނިސްޓަރ އަޙްމަދު ސަޢީދާއި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކޮށް ގޮނޑި ކާމިޔާބުކޮށްފައެވެ.

ޕީ.އެން.ސީ އަކީވެސް އިދިކޮޅު ޕިޕީ.އެމްގެ ރައީސްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިސްކޮށް ހުންނަވައި އުފެއްދި ޕާޓީއެކެވެ.