ސިޔާސީ

ހިތާދޫގައި ފެނާއި ނަރުދަމާ ޤާއިމުކުރެވިފައި ނެތުމުން ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވައިފި


މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރެވިފައި ނެތުމުން ދިމާވެފައިވާ ދަތިތައް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ހިތާދޫ ކައުންސިލްގެ މެންބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ވަނީ ރައީސަށް ޙިއްޞާކުރައްވާފައެވެ.

ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހިތާދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރެވިފައި ނެތުންކަން ފާހަގަކުރައްވައި އެކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި، ރަށުގެ ބަނދަރު މަރާމާތުކުރުމާއި، ކުނި މެނޭޖްކުރުމާއި، ވަޒީފާގެ ފުރުޞަތު ފަހިކުރުމާ ބެހޭގޮތުން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.