ޚަބަރު

އޭދަފުށީ އެސްޓީއޯ ފިހާރަ ރޭގަނޑުވެސް ހުޅުވާގޮތައް ނިންމައިފި


ރޯދައަށް ހާއްސަކޮށްގެން އޭދަފުށީގަ ހުންނަ އެސްޓީއޯ ފިހާރަ ރޭގަނޑުގެ ވަގުތުތަކުގައިވެސް ހުޅުވާގޮތައް ހަމަޖައްސައިފިއެވެ. މީގެކުރިން އެސްޓީއޯ އޭދަފުށީ ފިހާރަ ހުޅުވާފައި ހުންނަނީ ހަމައެކަނި ދުވާލުގެ ވަގުތުތަކުގައެވެ.

ނަމަވެސް މިރެއިން ފެށިގެން ތިން ރޭ ވަންދެން ރޭގަނޑު 8:30 އިން 10:00 އަށް އެ ފިހާރަ ހުޅުވާފައި ހުންނާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. އެސްޓީއޯ އޭދަފުށީ ފިހާރައިން ބުނީ ކުރިއަށް އޮތް ތިންރޭ އެ ފިހާރަ ހުޅުވަން ނިންމީ، ރޯދައާ ދިމާކޮށް ގިނަ ބައެއްގެ އެދުމުގެ މަތިން ޢާންމުންނަށް ވީހާ ވެސް ފަސޭހައިން އަދި ކައިރިން ހިދުމަތްތައް ދިނުމަށް ކަމަށެވެ.

ރޭގަނޑު ހުޅުވާފައި ހުންނަ ތިން ރޭ 500ރ. އިން ފެށިގެން މަތީގެ ވިޔަފާރިކުރާ ކޮންމެ މީހަކަށް އެސްޓީއޯއިން މިހާރު ފަށާފައިވާ ރޯދަ ޕްރޮމޯޝަންގެ ތެރެއިން ވަގުތުން އިނާމެއް ލިބޭނެ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ.

އެސްޓީއޯއިން އޭދަފުށީގައި ހުޅުވާފައިވާ މި ފިހާރައަކީ ހިފާ ގެންގުޅޭ ސާމާނާ، އާންމުކޮށް ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ އިތުރުން އިލެކްޓްރޯނިކްސްވެސް ލިބޭފިހާރައެކެވެ.