ޚަބަރު

ސްޕެޝަލިސްޓް 40 ޑޮކްޓަރުން ތަމްރީންކުރަނީ


މެޑިކަލް ޕްރޮގްރާމްގެ ލެކްޗަރާއިންގެ ގޮތުގައި ސްޕެޝަލިސްޓް 40 ޑޮކްޓަރަކު ތަމްރީންކުރުމުގެ މަސައްކަތްކުރަމުންގެންދާކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ހާމަކޮށްފިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އެމްބީބީއެސްއަށް ކިޔަވައިދިނުމަށް ވާންޖެހޭ ތައްޔާރީތައް ކަމާގުޅުންހުރި އެންމެހައި ފަރާތްތައް ގުޅިގެން ކުރިއަށް ގެންދާއިރު މި ޕްރޮގްރަމްގައި ލެކްޗަރާއިންގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ޝަޢުގުވެރިކަން ފާޅުކުރައްވާފައިވާ ސްޕެޝަލިސްޓް 40 ޑޮކްޓަރަކު ތަމްރީންކުރަމުން އަންނަކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.

މިސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީންކުރަނީ މެލޭޝިއާގެ ޔުނިވަރސިޓީ "ކެބިންސައާން"ގެ އެމްބީބީއެސް މަންހަޖަށް ކިޔަވާއިދިނުމަށް ޑޮކްޓަރުން އަހުލުވެރި ކުރުވުމަށްކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ. ސްޕެޝަލިސްޓް 40 ޑޮކްޓަރުން ތަމްރީނުކުރުމަށް މެލޭޝިއާގެ ޔުނިވަރސިޓީގެ ބޭފުޅުން ކުރިއަށްގެންދަވާ ވޯކްޝޮޕްތަކުގައި އެމްބީބީއެސްއަށް ކިޔަވައިދޭނެ ގޮތްތަކާއި ދަރިވަރުންގެ މަސައްކަތްތައް އެސެސްކުރާނެގޮތްތައް ޑޮކްޓަރުންނަށް ދަސްކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ފަވާޒް ޝަރީފް ވިދާޅުވީ އެމްއެންޔޫގެ އަމާޒަކީ އެމްބީބީއެސް ޕްރޮގްރާމްގެ ތެރެއިން ވަރުގަދަ ޑޮކްޓަރުންތަކެއް ބިނާކުރުމުގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރައްވާ ޑޮކްޓަރުންގެ ފެންވަރު މަތިކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.

އެމްއެންޔޫއިންވަނީ އެމްބީބީއެސް ޕްރޮގްރާމްގައި ލެކްޗްރާއިންގެގޮތުގައި ނުވަތަ ވިޒިޓިން ލެކްޗަރާއިންގެ ގޮތުގައި މަސައްކަތްކުރުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ޑޮކްޓަރުންތަކެއް ކުރިމަތިލައްވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އައިޖީއެމްއެޗާއި އަމިއްލަ ހޮސްޕިޓަލް، ކްލިނިކް ތަކަކުންވެސް ޑޮކްޓަރުން ޝަޢުގުވެރިކަން ފާޅުކޮށްފައިވާކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ. އަދި މިކަމަށް އެދި ހުށައަޅާފައިވާ ހުރިހާ ޑޮކްޓަރުންނަކީ ދިވެހި ޑޮކްޓަރުންކަން އެމްއެންޔޫއިން ފާހަގަކުރައްވައެވެ.