ޚަބަރު

"ވޯރކް އެންޑް ޓޯރކް" ގެ ނަމުގައި މާލޭގައި ފުލުހުން ޚާއްޞަ ހަރަކާތެއް ހިންގަނީ


މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތައް ބަލައި ފުލުހުންގެ ފަރާތުން އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތައް އޮޅުންފިލުވުމަށް ޚާއްޞަ ޕްރޮގްރާމެއް ހިންގުމަށް ފުލުހުން ނިންމަވައިފިއެވެ.

"ވޯރކް އެންޑް ޓޯރކް" ގެ ނަމުގައި މާދަމާ ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ޕްރޮގްރާމުގައި މާލޭގެ އާންމުންނާއި ބައްދަލުކޮށް އެ ފަރާތްތަކާއި ވާހަކަ ދައްކައި އެ ފަރާތަތްކުގެ ޝަކުވާ އަޑުއެހުމަށް ނިންމާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި އާންމުންނާއެކު އެކުވެރި މާހައުލެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތަކުގައި އާންމުންނަށް ދިމާވާ އެކި ދަތިތަކާއި އެކަންކަން ހައްލުކުރުމަށް ފުލުހުންނަށް އެހީތެރިވެދެވޭނެ ގޮތްތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ރަޝީދް ވިދާޅުވީ މި ބައްދަލުވުންތަކުގައި ވައްކަމާއި ފޭރުންފަދަ ކަންކަމުން ރައްކާތެރިވުމާ ގުޅޭގޮތުންވެސް އާންމުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ކުރިއަށްއޮތީ ރަމަޟާން މަސްކަމުން އާންމުން އިތުރަށް ސަމާލުވާންވީ ކަންކަމާއި ވައްކަމާއި މަގުމަތީގައި ހިނގާ އެކި ހާދިސާތަކުން ރައްކާތެރިވުމަށް ސަމާލުކަންދޭންވީ ކަންކަމުގެ މަޢުލޫމާތުވެސް އާންމުންނާ ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 2:30 އިން ފެށިގެން ހަވީރު 4:30އާ ހަމައަށްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކާއި ގަލޮޅު ޕޮލިސް ސްޓޭޝަނާއި މާފަންނު ޕޮލިސް ސްޓޭޝަނުގެ ފުލުހުން އާންމު ރައްޔިތުންނާ ބައްދަލުކުރުމަށް ފައިމަގުގައި ހަރަކާތްތެރިވަމުންދާނެކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ފުލުހުން ދެމުންދާ ޚިދުމަތްތައް ވީހާވެސް އާންމު ރައްޔިތުންނާއި ގުޅިގެން އާންމުންނާ ވީހާވެސް ގާތުން ދިނުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ފުލުހުން ވަނީ "ނެއިބަރހުޑް ސަޕޯރޓް ސާރވިސް"ގެ ނަމުގައި ޚިދުމަތެއްވެސް ފަށާފައެވެ. އެގޮތުން ފުލުހުންގެ ނެއިބަރހުޑް ސަޕޯޓް އޮފިސަރުންނާ އެކިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އާންމު ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ. އަދި މި ޚިދުމަތް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.