ޚަބަރު

ލަންކާގެ ޙަމަލާތަކާ ގުޅިގެން ރާއްޖޭގެ ބޯޑަރ ކޮންޓްރޯލްގެ ފިޔަވަޅުތައް ވަރުގަދަކޮށްފި


ސްރީ ލަންކާގެ ޙަމަލާތަކާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ރާއްޖޭގެ ބޯޑަރ ކޮންޓްރޯލްގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އިމިގްރޭޝަނުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ، އިމިގްރޭޝަންގެ އިސްވެރިންނާއެކު މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ.

އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް އޮފިސަރުންނާއިއެކު ބޭއްވި މި ބައްދަލުވުމުގައި ސްރީލަންކާގައި ދިން ބޮމުގެ ޙަމަލާތަކާއއި ގުޅިގެން ބޯޑަރ ކޮންޓްރޯލްގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިފަދަ އިންތިޒާމުތަކެއް ހަމަޖައްސަވާފައިވާއިރު، މި ހަމަލާތަކާއި ގުޅިގެން ރާއްޖޭގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ވަނީ ހާމަކުރައްވާފައެވެ. މިގޮތުން ރާއްޖޭގެ ވައިގެ ބަނދަރުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. މީގެ އިތުރުން ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި، މާލޭގެ ހުރި ހޮޓާތަކާއި އެނޫންވެސް ބައެއް ސަރަޙައްދުތައް ޙިމާޔަތްކުރުމަށް ކުރެވޭ ކަންކަން ބަލައި ސެކިއުރިޓީ ވަރުގަދަ ކުރަމުން އަންނަކަމަށްވެސް ސަލާމަތީ ބާރުތަކުން ބުނެއެވެ.

ސަލާމަތީ ބާރުތަކުން މަޢުލޫމާތުދޭ ގޮތުގައި ބައިނަލްއަޤްވާމީ ސަލާމަތީ މުއައްސަސާތަކާ ގުޅިގެން ރާއްޖެއަށް ލިބެންޖެހޭ މަޢޫލޫމާތުތައް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެމަޢުލޫމާތުތަކުގެ އަލީގައި ސަލާމަތީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާނެކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ހަރަކާތްތެރިވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭނެ ނިޒާމެއްވެސް މިހާރު ވަނީ ޤާއިމުކޮށްފައިވާކަމަށް ސަލާމަތީ ބާރުތަކުން ބުނެއެވެ.