ޚަބަރު

ލަންކާއަށް ދިން ޙަމަލާތަކުގައި ދިވެއްސެއްގެ ބައިވެރިވުމެއް ނެތް


ސްރިލަންކާގައި އިއްޔެދިން ޙަމަލާތަކުގައި އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް ނެތްކަމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، އެންސީޓީސީން ވިދާޅުވެއްޖެއެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި ދިވެހިންގެ ބައިވެރިވުމެއް އޮތްކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ، އެންސީޓީސީން ވިދާޅުވީ، ރާއްޖެއާއެކު މަސައްކަތްކުރާ ބޭރުގެ ތަޙުޤީޤީ އިދާރާތަކުން މިހާތަނަށް ކުރި އެއްވެސް ތަޙުޤީޤަކުން އެއްވެސް ދިވެއްސެއް މި ހަމަލާތައް ދިނުމުގައި ބައިވެރިވިކަމުގެ މަޢުލޫމާތެއް ލިބިފައިނުވާކަމަށެވެ. އެހެންކަމުން، މިފަދަ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލުމަށް އެ ސެންޓަރުން ވަނީ ގޮވާލައްވާފައެވެ.

ލަންކާގައި ދިން ޙަމަލާތަކާ ގުޅިގެން އެޤައުމުގެ ކެބިނެޓްގެ ތަރުޖަމާނު ރަޖިތާ ސްރިރަތްނަ ވިދާޅުވީ، މިޙަމަލާއަކީ ބައިނަލްއަޤްވާމީ ނެޓްވޯކެއްގެ އެހީތެރިކަމާއެކު ދިން ޙަމަލާއެއްކަމަށް ތުހުމަތުކުރެވޭކަމަށެެވެ. އެގޮތުން މިކަން އިންޓެލިޖަންސް ރިޕޯޓުތަކުން ހާމަވާއިރު، ހަމަލާގެ ފަހަތުގައިވާ ފަރާތްތައް ދެނެގަތުމަށް ލަންކާގެ ރައީސް ވަނީ ބައިނަލްއަޤްވާމީ ތަޙުޤީޤީ އިދާރާތަކުގެ އެހީއަށް އެދިވަޑައިގެންފައެެވެ.