ވިޔަފާރި

ފައިސާއާ ގުޅޭ އެއްބަސްވުމަކަށް ބަދަލު ގެންނަނަމަ މީރާއަށް އަންގަންޖެހޭ


ދައުލަތަށް ދައްކަންޖެހޭ ފައިސާއާ ގުޅޭ އެއްވެސް އެއްބަސްވުމަކަށް ބަދަލު ގެންނަނަމަ އެކަން މީރާއަށް އަންގަން ޖެހޭގޮތަށް ހަދައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ ދައުލަތަށް ފައިސާ ދައްކަން ޖެހޭގޮތަށް ދައުލަތުގެ އޮފީހަކުން ހަދާފައިވާ އެއްބަސްވުމަކަށް އެއްވެސް ބަދަލެއް ގެނައުމުގެ ކުރިން އެކަން އެ އޮފީހަކުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިޔުމަކުން އަންގަންވާނެކަމަށެވެ. އަދި އެފަދަ އެއްބަސްވުމެއް ހަދާފައިވާ ފަރާތް ބަދަލުވުމުގެ ކުރިން ނުވަތަ، އާ ކުރުމުގެ، ނުވަތަ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ކުރިންވެސް މީރާއަށް އަންގަންޖެހޭނެކަމަށް ފިނޭންސްގެ ސަރކިއުލާގައިވެއެވެ.

މީގެ އިތުރުން ދައުލަތުގެ އޮފީހަކުން ހަދާފައިވާ ގަވާއިދެއްގެ ދަށުން ދައްކަންޖެހޭ ފައިސާއަކާ ގުޅޭގޮތުން ޤަވާއިދަށް ބަދަލެއް ގެނައުމުގެ ކުރިން، އެ ބަދަލުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކޮށްފާނެ އަސަރަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ލަފާ ލިޔުމުން ހޯދައިގެން މެނުވީ، އެފަދަ ބަދަލެއް ނުގެނައުމަށްވެސް ފިނޭންސްގެ ސަރކިއުލާގައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ސަރކިއުލާގައި ޤާނޫނެއް ނުވަތަ ގަވާއިދެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާހާ ހިނދަކު، އެއްވެސް ވިޔަފާރިއަކަށް ހުއްދައެއް ނުވަތަ ލައިސަންސެއް ދިނުމާއި، އައުކުރުމާއި، ބަދަލުގެނައުމާއި، ވިޔަފާރިއެއް ހިންގާ ފަރާތް ބަދަލުކުރުމާއި، މިނޫންވެސް ދައުލަތުގެ އޮފީހަކުން ދޭންޖެހޭ ހުއްދަތައް ދިނުމުގެ ކުރިން އެފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އޮތްތޯ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ލިޔުމުން ކަށަވަރު ކުރަންވާނެކަމަށްވެސް ބުނެފައިވެއެވެ.