ޚަބަރު

މިވަރުގެ ޙަމަލާއެއް އަންނާނެކަމަށް ލަންކާގެ ސަލާމަތީ ބާރުތަކުން ލަފާކޮށްފައެއް ނުވޭ


އިއްޔެ ދިންވަރުގެ ނުރައްކާތެރި ޓެރަރިސްޓު ޙަމަލާއެއް އަތުވެދާނެކަމަށް އެއްވެސް ވަރަކަށް ވިސްނިފައިނުވާކަމަށް ސްރީ ލަންކާގެ ޑިފެންސް ސެކްރެޓަރީ ވިދާޅުވެއްޖެއެވެ.

ސްރީ ލަންކާގެ ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެނާންޑޯ ވިދާޅުވީ އެޤައުމުގެ ދެ ސަރަޙައްދެއްގައި ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރު ކުރިން ލިބުނުކަމަށާއި ނަމަވެސް މިވަރުގެ ޙާލަތެއް މެދުވެރިވެދާނެކަމަށް ސަލާމަތީ ބާރުތަކުން އަންދާޒާކޮށްފައިނުވާކަމަށެވެ. އެހެންކަމުން މިކަމުގެ ޒިންމާ އެޤައުމުގެ ސަރުކާރާއި އިންޓަލިޖެންސް އިދާރާތަކުން އުފުލަންޖެހޭކަމަށް ޤަބޫލު ނުކުރައްވާކަމަށްވެސް ހެމަސިރީ ވިދާޅުވިއެވެ.

ލަންކާއަށް ބޮމުގެ ޙަމަލާތަކެއް ދޭން އުޅޭކަމުގެ އިންޒާރު މީގެ ހަފްތާއެއްހާ ދުވަސްކުރިން ލިބިފައިވާކަމުގެ ޚަބަރުތައް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި ލަންކާގެ ބޮޑު ވަޒީރި ރަނިލް ވިކްރަމް ސިންހާއާއި، ލަންކާގެ ކެބިނެޓްގެ ތަރުޖަމާނު މިކަން ޔަޤީންކޮށްދެއްވައެވެ.

ލަންކާގެ ސެކިއުރިޓީ ކައުންސިލާއި އިންޓެލިޖެންސަކީ ރައީސް މައިތްރިޕާލަ ސިރިސޭނާގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ އިދާރާތަކަށްވާއިރު، އެ ޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހާއަށް މިކަމުގެ އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދީފައި ނުވާކަމަށް ރަނިލް ވިދާޅުވެއެވެ.

ލަންކާގެ އެކި ސަރަހައްދުތަކުގައި އިއްޔެ ދިން ހަމަލާތަކުގައި 290 އަށްވެރެ ގިނަ މީހުން މަރުވެ، ފަސް ސަތޭކައަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ޙަމަލާތަކާއި ގުޅިގެން ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ.