ޚަބަރު

އެއަރޕޯޓް ކައިރިން ފެނުނު ބޮން ރައްކާތެރި ސަރަޙައްދަކަށް ގެންގޮސް ނައްތާލައިފި


ސްރީ ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއަރޕޯޓް ކައިރިން ފެނުނު ބޮމެއް ސަލާމަތްތެރިކަމާއިއެކު ނައްތާލައިފިއެވެ.

އެ ޤައުމުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އެއަރ ފޯސްގެ ގްރޫޕް ކެޕްޓަން ގިހާން ސެނެވިރަންޓޭ ވިދާޅުވީ ބޮމެއްކަމަށް ޝައްކުކުރެވޭ ޕެކޭޖެއް ފެނިފައިވަނީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއަރޕޯޓް ކައިރިން އަޑިއަމް ބަލަމާ ރޯޑުންކަމަށެވެ. މި ބޮމަކީ، އެ ޤައުމުގައި ތައްޔާރުކޮށްފައިވާ ބޮމެއްކަމަށް ބެލެވޭކަމަށާއި އެއަރޕޯޓްގެ ސަލާމަތީކަންކަން ވަރުގަދަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާގައި ދިން ނުރައްކާތެރި ބޮމުގެ ޙަމަލާތަކުގައި މަރުވި މީހުންގެ އަދަދު 200އަށްވުރެ އިތުރުކަމަށް އެޤައުމުގެ މީޑިއާތަކުން ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި އެހެން ޤައުމުތަކަށް ނިސްބަތްވާ 30 މީހުން ހިމެނޭކަމަށާއި ޒަޚަމްވި މީހުންގެ އަދަދު 450 އަށްވުރެ އިތުރުކަމަށްވެސް އެޤައުމުގެ ރަސްމީ އިދާރާތަކުން ހާމަކުރެއެވެ. ފައްޅިތަކަކާއި ބައެއް މަތީ ފަންތީ ހޮޓާތަކަށް ދިން ޙަމަލާތަކާ ގުޅިގެން މިހާތަނަށް 13 މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް އެޤައުމުގެ ފުލުހުން ވަނީ ބުނެފައެވެ.