ޚަބަރު

ޒުވާނުންނަށް އެކަށޭނަ އުޖޫރަ ލިބޭ ވަޒީފާ ފޯރުކޮށްދޭންޖެހޭ - ނައިބު ރައީސް


ޒުވާނުންނަށް އެކަށޭނަ އުޖޫރައަކާއެކު ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީގެންމެނުވީ، ދިވެހި އިޤްތިޞާދު އެންމެ ބަރުމިނުގައި ކުރިނާރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނާއިބު ރައީސް މިހެން ވިދާޅުވީ، ޕޮލިޓެކްނިކްގެ 2019ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

1975ވަނަ އަހަރު އުފެއްދި ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު ނުވަތަ މިހާރުގެ ނަމުންނަމަ މޯލްޑިވްސް ޕޮލިޓެކްނިކްއަކީ، އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާތަކަށް ކުރިމަތިލާ ޒުވާނުންނަށް އެދާއިރާއަކުން ސީދާގޮތެއްގައި ފަންނީ ތަމްރީނުދިނުމަށް ސަރުކާރުން އުފައްދަވާފައިވާ ތަޢުލީމީ އިދާރާއެކެވެ.

ޕޮލިޓެކްނިކްގެ 2019ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ ދިވެހި އިޤްތިޞާދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ވަޒީފާއެއް ނެތި ތިބި ޒުވާނުންގެ ޢަދަދު ގިނަކަންކަމަށެވެ.
މިކަމަށް މަގުފަހިވެފައިވަނީ، ވަޒީފާ ދިނުމުގައި ތަފާތުކުރުމާއި، ކުރާ މަސައްކަތާއި އެކަށޭނަ މުސާރައެއް ނުލިބުންކަން ނާއިބު ރައީސް ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން ނާއިބު ރައީސް ވިދާޅުވި، ޒުވާނުންނަށް އެކަށޭނަ އުޖޫރައަކާއިއެކު ވަޒީފާގެ ފުރުސަތުތަށް ފަހިކޮށްދީގެންމެނުވީ، ދިވެހި އިޤްތިޞާދު އެންމެ ބަރުމިނުގައި ކުރިނާރާނެކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަވަނީ، ދިވެހި އިޤްތިޞާދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ވަޒީފާއެއް ނެތި ތިބި ޒުވާނުންގެ ޢަދަދު ގިނަވުން. މިތާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވެސް ވަޑައިގެން އިންނެވީމަ ދަންނަވަން ބޭނުންވަނީ، ޒުވާނުންނަށް އެކަށޭނަ އުޖޫރައަކާއިއެކު ވަޒީފާގެ ފުރުސަތުތަށް ފަހިކޮށްދޭން ޖެހޭކަން. ދިވެހި އިޤްތިޞާދު އެންމެ ބަރުމިނުގައި ކުރިއަރާނީ އޭރުން." ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެކްޒެކެޓިވް އޮފިސަރ އަޙްމަދު ނަސީރު ވިދާޅުވީ، ވޭތިވެ ދިޔަ އަހަރުގައި ޒުވާނުންގެ މެދުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ މައުބޫލުކަން އިތުރުވެފައިވާކަމަށެވެ. އެގޮތުން ޒަވާޖީ ހަޔާތެއް ފެށުމަށް ފަހުގައާއި، ވަޒީފާގައި އުޅެމުންވެސް ޕޮލިޓެކްނިކުގައި ތަޢުލީމު ޙާސިލުކުރަމުންދިއުމަކީ މިކަން ހާމަކޮށްދޭކަމެއްކަން އަހުމަދު ނަސީރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެއިދާރާގެ ކޯސްތަށް ފުރިހަމަކުރާ ފަރާތްތަކަށް ފަސޭހައިން ވަޒީފާގެ ފުރުސަތުވެސް ފަހިވެގެންދާކަން ތާރީޚުން ފެނިގެންގިސްފައިވާކަމަށެވެ.

"އަޅުގަނޑުމެންނަށް ދަރިވަރުން ކޯސްތަށް ކިޔަވާއިރު އެކިކުންފުނިތަކުން ވަޒީފާތަށްދީ ސްޕޮންސަރކޮށްދީ ހަދާފައިވޭ. މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެކުދިންނަށް މިކަމުގެ ސަބަބުން ފާގަތި މުސްތަޤުބަލެއް މިވަނީ ޔަޤީންވެފައި." އަހުމަދު ނަސީރު ވިދާޅުވިއެވެ.

ޕޮލިޓެކްނިކްގެ 2019ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 2018ވަނަ އަހަރު ހިންގި ކޯސްތަކުގައި 8 ދާއިރާއެއްގެ 19 ކޯހަކުން 274 ދަރިވަރަކުވަނީ ދަސްވެނިވެފައެވެ. މީގެތެރޭގައި ހިމެނެނީ ސެޓްފިކެޓް ލެވެލް 3 ކުން ފެށިގެންގޮސް ޑިޕްލޮމާ ލެވެލްގެ ކޯސްތަކެވެ.