ވިޔަފާރި

ޑްރެޖިންގ ދާއިރާއިން މިސަރަހައްދުގެ އެންމެ ކުރިއަށް އެމްޓީސީސީ


ބިންހިއްކުމާއި، ފަޅު ފުންކުރުމުގެ މަސައްކަތުގައި މިސަރަހައްދުގައި އެންމެ
ކުރިއަރާފައިވާ ކުންފުންޏަށް ކުރިއަށް އޮތް ދެއަހަރު ދުވަހުގެތެރޭގައި އެމްޓީސީސީ
ހަދާނެކަމަށް އެކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް
ވިދާޅުވެއްޖެއެވެ.



އެމްޓީސީސީން މިކަން ހާމަކުރީ "އޮޑިވެރިންނަށް ހައްލު ޔަގީން" މިނަމުގައި
އެކުންފުނިން އަލަށް ފެށި ތިން ޚިދުމަތެއް އިފްތިތާހްކުރުމަށް އާދީއްތަ ދުވަހުގެ ރޭ ދަރުބާރުގައި
ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން "އޮޑިވެރިންނަށް ހައްލުޔަގީން"
މިނަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ސީއީއޯ
އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް ވިދާޅުވީ، ޑްރެޖިން އަދި ރިކްލަމޭޝަން ނުވަތަ ބިންހިއްކުޟާއި، ފަޅު
ފުންކުރުމުގެ ދާއިރާއިން މި ސަރަހައްދުން އެންމެ ކުރިއަރާފައިވާ އެކުންފުންޏަކީއެމްޓީސީސީ
ކަމުގައި ހެދުމަށް ގަސްތުކުރާކަމަށެވެ. މިއީ
ހަމައެކަނި ކަރުދާހުގައިވާ ޕްލޭނެއް ނޫންކަމަށާއި، މި ކަންކަމަކީ އެމްޓީސީސީން
ކޮށްފައި ދައްކާނެ ކަންތައްތައް،ކަމަށް އިބްރާހިމް އަބްދުއް ރައްޒާގް ވިދާޅުވިއެވެ.



އެމްޓީސީސީން މިވަގުތުވެސް 35
ރަށެއްގެ ބިންހިއްކުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.  



" ބިންހިއްކުމާއި ފަޅު
ފުންކުރުމުގެ ސިނާއަތުގައި އެމްޓީސީސީން މަސައްކަތް ކުރަމުން ދަނީ މަސައްކަތުގެ
ދުވެލި ހަލުވިކުރެވޭނެ ގޮތްތަށް ބަލައިގެން. އެމްޓީސީސީގެ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ގޮސް، އެ
ރަށްރަށުގައި ބޭނުންކުރާ އުޅަނދުތައް ބަލައި، އޮޑިވެރިންގެ ޝަކުވާތަކަށް ހައްލު
ޔަގީންކޮށް ދިނުންކަމަށާއި، އެގޮތުން ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި
އެމްޓީސީސީގެ ޓީމުތަކުން 10 އަތޮޅެއްގެ ހުރިހާ ރަށަކަށް ގޮސް އެ މައުލޫމާތުތައް ވަނީ
ހޯދާފައި"، އޭނާ ވިދާޅުވިއެވެ.



މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާރަށަކަށް ދަތުރު
ކުރެވޭނެކަމަށްވެސް ރައްޒާގު ވިދާޅުވިއެވެ. ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުގެ
ސަބަބުން، އެމްޓީސީސީ އަށް މިހާތަނަށް ފައިދާ ނުވާ މިންވަރަށް މިދިޔަ އަހަރު
ފައިދާވި ކަމަށާއި، އެގޮތުން 81
މިލިއަން ރުފިޔާގެ ސާފު ފައިދާ ވެފައިވާ ކަމަށް ވިދާޅުވިއެވެ.



މިރަސްމިއްޔާތުގައި
ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، މިސަރަހަށްދުގައި
ފުރަތަމަ ޑްރެޖިންގެ ގޮތުން ނުވަތަ ބިން ހިއްކުމުގެ ގާބިލްކަން ހޯދުމަށް
އެމްޓީސީސީން ކުރަމުންދާ މަސައްކަތަށް ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމެއް
ދެއްވާނެއެވެ. އެގޮތުން އެމަގަށް ވާސިލްވުމަށް ދޭންޖެހޭ ގެރެންޓީއާއި އެހެނިހެން
އެހީތެރިކަން ސަރުކާރުގެ ފަރާތުން ދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުގެ
ކުންފުނިތަކަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރުމަށް އެހީތެރިވުމަށް އުފައްދާފައިވާ
ކުންފުނިތަކަށް ވުމާއެކު، އެފަދަ އައު ޚިދުމަތްތަކުގެ ތެރެއަށް އެކުންފުނިތައް
ވަދެގެން ނޫނީ، ރައްޔިތުން ބޭނުންވާ ޚިދުމަތްތަށް ފޯރުކޮށް ނުދެވޭނެކަމަށް
މިނިސްޓަރ ވިދާޅުވި.

މިނިސްޓަރ ވިދާޅުވީ، ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކަކީ ސަރުކާރަށް
އޭގެން ފައިދާ އިތުރުކުރުމަށް އުފައްދާފައިވާ ކުނފުނިތަކެއްނޫންކަމަށާއި، އެއީ
ރައްޔިތުންނަށް ޚިދުމަތްދިނުމަށް އުފައްދާފައިވާ ކުންފުނިތަކެއްކަމަށެވެ.