ސިޔާސީ

ސްރީލަންކާގައި ދިން ހަމަލާ އެމްޑީޕީން ކުށްވެރިކޮށްފި


މިއަދު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ބައެއް ހޮޓާ ތަކާއި އެކިސަރަހައްދުތަކުގައިވާ އަޅުކަންކުރާ ތަންތަނަށް ދީފައިވާ ޙަމަލާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

ސްރީލަންކާގެ އެކި ސަރަޙައްދުތަކަށް ދީފައިވާ ޙަމަލާތައް ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައިވަނީ އަޅުކަންކުރާ ތަންތަނަށް ޙަމަލާދީ، އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ހިންގުމުގެ ނަތީޖާއަކަށްވާނީ މުޖްތަމަޢުގެ އެއްބައެއްގެ މެދުގައި އަނެއް ބަޔަކާމެދު ނަފްރަތާއި ރުޅިވެރިކަން އުފެދި ސުލްޙަ މަސަލަސްކަން ގެއްލި ދިޔުންކަމަށެވެ. އަދި އެފަދަ ޙަމަލާތަކުގެ ސަބަބުން އިންޑިޔާކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުމަށް ބުރޫއަރާނެ ކަމަށް ދެކޭކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައިވަނީ ސްރީލަންކާއަކީ ދިވެހީން އާންމުކޮށް ޒިޔާރަތްކުރާ އަވައްޓެރި ޤައުމަކަށްވެފައި، އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށްގާތް ގުޅުމެއް އޮންނަ ބަޔަކަށްވީހިނދު، އެޤައުމަށާއި ރައްޔިތުންނަށް ލިބިފައިއެވާ ފުން ހިތާމައިގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ބައިވެރިވެ، އެޕާޓީ އޮތީ ސްރީލަންކާގެ ރައްޔިތުންނާއެކުކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސްރީލަންކާގެ އެކި ސަރަޙައްދުތަކަށް ދީފައިވާ ޙަމަލާތަކުގައި މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 400 އަށް ވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ.