ޚަބަރު

މަޖީދިއްޔާއިން އައު ޖޯޝަކާއިއެކު މަސައްކަތް ކުރަންޖެހޭ - އެޑިއުކޭޝަން މިނިސްޓަރ


ސްކޫލްތަކުން ތަޢުލީމީގޮތުންނާއި އިތުރު ޙަރަކާތްތަކުން ކުރިއެރުންތަށް ހޯދަމުންދާއިރު، މަޖީދިއްޔާ ސްކޫލުން މިރޭހުގައި އައު ޖޯޝަކާއިއެކު މަސައްކަތް ކުރަންޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، މަޖީދިއްޔާ ސްކޫލަށް 92 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގައި ބިނާކުރި ސަރުކާރުގެ އެންމެ ފުރަތަމަ ސްކޫލެވެ. މިސްކުލަކީ ހަމަ އެކަނި ފިރިހެން ކުދިންނަށް ޚާއްސަ ސްކޫލެއްގެ ގޮތުގައި ކުރިން އޮތްނަމަވެސް މިހާރު މިސްކޫލްގައި މިހާރު ދެޖިންސުގެ ކުދިންނަށްވެސް ކިޔަވާދެއެވެ. ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލްކަމަށްވާ މަޖީދިއްޔާއަށް 92 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ސްކޫލްގައިވަނީ ހާއްސަ އެސެމްބްލީތަކެއް ބާއްވާފައެވެ.

ހެނދުނު ދަންފަޅީގެ ޝެޝަން ފެށިގެން ދިޔައީ މާސް އެސެންބިލީ އަކުންނެވެ. މިއެސެންބްލީ ޝަރަފުވެރި ކޮށްދެއްވާފައި ވަނީ އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއެވެ. މިއެސެންބްލީ ޝަރަވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ، ސްކޫލްތަކުން ތަޢުލީމީގޮތުންނާއި އިތުރު ހަރަކާތްތަކުން ކުރިއެރުންތަށް ހޯދަމުންދާއިރު، މަޖީދިއްޔާ ސްކޫލުން މި ރޭހުގައި އައު ޖޯޝަކާއިއެކު މަސައްކަތް ކުރަންޖެހިފައިވާކަމަށެވެ. އެގޮތުން މާޒީގެ ފަޙުރުވެރި މޮޅުކަން ވާންޖެހޭނީ މުސްތަގްބަލްގައި އެއަށްވުރެ މަތިވެރި ކާމިޔާބީއެއް ހާސިލްކުރުމަށް ހިއްވަރަކަށްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

"ފިނިފެންމަލުގެ ދާނުގައި އަޅުގަނޑުމެން އަރާމުކުރަން އޮށްވައި އަޅުގަނޑުމެންނަށް ފެންނާނީ އެހެން ސްކޫލްތައް ކުރިއަރައި ދާތަން. މާޒީގެ ފަޙުރުވެރި މޮޅުކަން ވާންޖެހޭނީ މުސްތަގްބަލްގައި އެއަށްވުރެ މަތިވެރި ކާމިޔާބީއެއް ހާސިލްކުރުމަށް ހިއްވަރަކަށް." މިނިސްޓަރ ވިދާޅުވިއެވެ.

ހެދުނު ދަންފަޅިއެކޭ އެއްގޮތަށް މެންދުރު ދަންފަޅީގައި ވެސް ހާއްސަ ބޮޑު އެސެންބްލީއެއް ބޭއްވިއެވމިއެސެންބްލީ ޝަރަފުވެރި ކޮށްދެއްވީ މިހާރުގެ އެޑިޔުކޭޝަންގެ ނައިބު އަދި ކުރީގެ މަޖީދިއްޔާ ސްކޫލް ގެ ޑެޕިއުޓީ ޕްރިންސިޕަލްކަން ކުރެއްވި ޝަރުމާ ނަސީރެވެ. އެކަމަނާގެ ވާހަކަ ފުޅުގައި މިހާރުގެ މަޖީދިއްޔާގެ ޕްރިންސްޕަލްގެ ފަރާތުން ކުރީގައި މަޖީދިއްޔާގައި މަސައްކަތް ކުރައްވަމުން އައިރު އެތައް މުހިންމު ފިލާވަޅުތަކެއް ދަސްވެފައި ވާކަމާށާއި، އެކަމަނާގެ އުންމީދަކީ މި ޝަރަފުގެ ހިޔާ މުސްތަގްބަލް ގައި ވެސް ހަމަ އެފަދަ ޝަރަފުވެރި ރަން ވަނަތައް ހޯދާ މިއަދުގެ މުޖްތަމައުގައި ގަދަރާއި އިއްޒަތް ލިބިގެންވާ މޮޅު ކުދިންތަކެއް މުޖްތަމައުއަށް ނެރޭ ސްކޫލްއަކަށް ހެދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.

މި އެސެންބްލީގައި ސްކޫލްގެ ބޭންޑް ސްކޫލް ލަވަ އާއި ގައުމީ ސަލާމް ކުޅެފައިވާއިރު، ސްކޫލް ކެޑޭޓް ކުދިން ދިދަނެގުމުގެ ރަސްމީޔާތެއްވެސް ކުރިޔަށް ގޮސްފައި ވެއެވެ. މީގެ އިތުރުން ސްކޫލް ކުދިންގެ ފަރާތުން ހުށައެޅުމެއްވެސް ވަނީ ތަމްސީލް ކޮށްފައެވެ. އެސެންބްލީ ނިންމާލާފައި ވަނީ ސްކޫލްއަށް 92 އަހަރު ފުރުމުގެ އުފަލުގައި ކޭކެއް ފެޅުމާއިއެކުއެވެ.