ސިޔާސީ

ޕީޕީއެމްއިން ވަކިވެ ނިހާން ޕީއެންސީއާ ގުޅިވަޑައިގެންފި


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމުން އިސްތިއުފާ ދެއްވި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުޞައިން މަނިކް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީއާ ގުޅި ވަޑައިގަންނަވައިފިއެވެ.

ނިހާން ޕީއެންސީއާ ގުޅިވަޑައިގެންނެވިކަން ހާމަކުރައްވާ ޕީއެންސީގެ ވަގުތީ ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައިވަނީ ނިހާން ޕީއެންސީއާ ގުޅިވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި އޭނާވަނީ ނިހާނަށް ހޫނު މަރުހަބާއެއް ވިދާޅުވެ ތަހުނިޔާ ވިދާޅުވެފައެވެ.

ދާދި ފަހުން ނިހާން ވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕުން އިސްތިއުފާ ދެއްވައި އެޕާޓީގެ ލީޑަރޝިޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އޭނާ ވަނީ ޕީޕީއެމްގެ ލީޑަރޝިޕް ފެއިލް ވެފައިވާކަމަށާ ލީޑަރޝިޕް ބަދަލު ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

ނިމިދިޔަ އިންތިޚާބުތަކުގައި ޕީޕީއެމަށް ނާކާމިޔާބުވުމާ ގުޅިގެން އެޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން ޕީއެންސީއާ ގުޅިވަޑައިގަންނަވަމުން ގެންދަވާއިރު، ޕީޕީއެމްގެ ލީޑަރޝިޕަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން އެ ޕާޓީގެ ނާއިބް ރައީސްކަމަށް ރޭ ވަނީ ތިން ބޭފުޅަކު އައްޔަން ކޮށްފައެވެ.

ނިހާން ޕީއެންސީއަށް ސޮއި ކުރެއްވިއިރު އަންނަ ހުކުރުދުވަހު އެ ޕާޓީގެ ކޮންގްރެސް ބާއްވާނެކަން ވަނީ ހާމަކޮށްފައެވެ. އެކޮންގްރެސްގައި ޕާޓީގެ އިސް މަގާމްތަކަށް ދާއިމީ ބޭފުޅުން އިންތިޚާބު ކުރުމަށް ވަނީ ނިންމާފައެވެ.