ޚަބަރު

ރޯދަމަހު ސްކޫލުތަކުގައި ކިޔަވާދޭ ގަޑިތައް ކަނޑައަޅައިފި


އަންނަ ރަމަޟާންމަހު ސްކޫލްތަކުގައި ކިޔަވައިދޭ ގަޑިތަކަށް ގެނެސްފައިވާ ބަދަލުތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ އެމިނިސްޓްރީން ނެރުއްވާފައިވާ ސަރކިއުލަރއެއްގައެވެ.

މިއަހަރުގެ ރަމަޟާންމަހު ސްކޫލްތަކުގެ ކިޔަވައިދިނުމުގެ ކަންކަން އިންތިޒާމްކުރުމަށް އެޑިއުކެޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގަވާފައިވާ ސަރކިއުލަރގައިވަނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައް ހެނދުނު 8:30އާއި 9:00އާ ދެމެ ފެށުމަށާއި ދެ ދަންފަޅިއަށް ކިޔަވއިދޭ ސްކޫލްތައް 8:30 އާއި އާއި 15:00 އާ ދެމެދު ފެށުމަށް އަންގާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި ޔޫކޭޖީ އަދި އެލްކޭޖީ ގެ ދަރިވަރުންނަށް ކިޔަވައިދޭ ދަންފަޅީގެ ދިގުމިނަކީ އެއްގަޑިއިރާ ތިރީސް މިނެޓެވެ. ގްރޭޑް އެކަކުން ފެށިގެން ހައެއްގެ ކްލާސްތައް ކުރިއަށްދާނީ ދެގަޑިއިރާ ތިރީސް މިނިޓަށްކަމަށްވެސް އެމިނިސްޓްރީންވަނީ ވިދާޅުވެއެވެ.

މީގެ އިތުރުން ގްރޭޑް ހަތަކުން ބާރައިގެ ކްލާސްތައް 3 ގަޑި އިރަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ. އެޑެއުކޭޝަން މިނިސްޓްރީންވަނީ ރޯދަމަހު އެކި މާއްދާތައް ކިޔަވައިދިނުމަށް ލިބޭ ޖުމުލަ ވުގުތަށް ބަލައި ކޮންމެމާއްދާއަކަށް އަދި ކޮންމެ ގްރޭޑަކަށް ރަމަޟާންމަހުގެ ޚާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް އަންގާފައެވެ. އަދި ޓައިމްޓޭބަލް އެކުލަވާލައިރު މަދުވެގެން 2 ހަފްތާތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެ ގޮތަށްހަމަޖެއްސުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފައެވެ.

ރަމަޟާންމަހުގެ ގަޑިތައް އިންތިޒާމްކުރާއިރު ފަސޭހަކަމާއެކު ދަރުވަރުންނާއި މުދައްރިސުންނަށް ނަމާދު ކުރެވޭނެގޮތަކަށް ގަޑިތައް ހަމަޖެއްސުމަށާއި ސްކޫލުގެ ގަޑިތަކުގައި ކުރާ މަސައްކަތް ނިންމައި ދަރިވަރުންނާއި މުދައްރިސުންނަށް ވީހާވެސް އަވަހަކަށް ގެޔަށްދެވޭނެފަދަގޮތަކަށް ހަމަޖެއްސުމަށްވެސްވަނީ އަންގާފައެވެ.

ސްކޫލްގެ އިތުރުގަޑީގެ ޙަރަކާތްތައް ރޭގަނޑު ކުރިއަށްގެންދިޔަނަމަވެސް މަޣްރިބް ނަމާދާއި ޢިޝާ ނަމާދާ ދެމެދު އެއްވެސް ޙަރަކާތެއް ކުރިއަށް ނުގެންދިއުމަށް އެޑިއުކެޝަން މިނިސްޓްރީންވަނީ އަންގާފައެވެ. އަދި ރަމަޟާން މަހު ކުރިއަށްދާ އިޙްޔާކުރުމުގެ ކަންކަމަށްވެސް ބުރޫނާރާގޮތަށް ރޭގަނޑުގެ ގަޑިތައް ހަމަޖެސުމަށްވަނީ އަންގާފައެވެ.

އަދި ޝައްވާލް މަހުގެ ފުރަތަމަ ހަތްދުވަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑީގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ ރަމަޟާން މަހުގެ ގަޑިތަކާއެއްގޮތަށް ކަމަށްވުމުން ސްކޫލްތަކުގެ ކިޔެވުންވެސް އެހަތްދުވަހު ކުރިއަށްގެންދާނީ ރަމަޟާން މަހުގެ ދުވަސްތަކެކޭ އެއްގޮތަށްކަމަށްވެސް އެޑިއުކެޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގަވާފައެވެ.