ސިޔާސީ

200 އަށްވުރެ ގިނަ ޤައިދީންގެ އަދަބު ލުއިކޮށްދެއްވައިފި


ގިނަ ދުވަސްތަކެއް ވަންދެން ޖަލު ހުކުމް ތަންފީޒުކުރަމުންދިޔަ 200 ވުރެ ގިނަ ޤައިދީންނަށް ޝަރުތު ތަކަކާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދަބު ލުއިކޮށްދެއްވައިފިއެވެ. ރައީސް އަދަބު ލުއިކޮށްދެއްވީ ޤާނޫނުގެ ތެރެއިން އަދަބު ލުއިކޮށްދެވެން ތިބި ގައިދީންނަށެވެ. އެގޮތުން ރައީސް ވަނީ 201 ގައިދީއެއްގެ އަދަބު ލުއިކޮށްދެއްވާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ އަދަބު ލުއިކޮށްދިނީ ޖަލުގައި އަޙުލާގު ރަނގަޅުކަމަށް ޖަލުން ފާހަގަކޮށްފައިވާ މީހުންނާއި ޖަލަށް ލުމުގައި ބަލަންޖެހޭ މިންވަރަށް ނުބަލައި ކުދި ކުށްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ތިބި މީހުންނަށް ކަމަށެވެ. އަދި އެމީހުންގެ އަދަބު ލުއިކުރީ ގިނަ ޝަރުތުތަކަކާއެކު ކަމަށް ހޫދު ވިދާޅުވިއެވެ.

ހޫދު ވިދާޅުވީ އަދަބު ލުއިކޮށްދީފައިވަނީ ކުރީގެ ޤާނޫނުލް އުގޫބާތަށް ބެއްލެވުމަށްފަހު މިހާރުގެ ޤާނޫނުލް އުގޫބާތުގައި ކުޑަ ކުށެއްގެގޮތުގައި ކަނޑައަޅާފައިވާ ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ކަމަށެވެ. އެގޮތުން ލުއި ގޮތްތަކެއް ހަދައިދީފައިވަނީ ހުކުމުގެ ހަތަރު ބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވާ ގައިދީންނަށްކަން ހޫދު ފާހަގަކުރެއްވިއެވެ.

އަދަބު ލުއިކޮށްދިން ޤައިދީންގެ ތެރޭގައި ހިމެނޭ މަސްތުވާ ތަކެއްޗާ ގުޅުންހުރި މީހުންނަށް އެ މީހުންނަށް އިއްވާފައިވާ އަދަބުގެ މުއްދަތު ލުއިކޮށްދިނީ ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރުމަށް ޝަރުޠުކޮށްފައިވެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި ހުކުމް ތަންފީޒު ކުރި ގައިދީންގެ ތެރެއިން އަދަބު ލުއިކޮށްދީފައިވާ މީހުންނަށް ކަނޑައެޅިފައިވާ މުއްދަތުގައި އެފަދަ ކުށަކާމެދު އެމީހުންނަށް ތުހުމަތު ކުރެވޭނަމަ ކޯޓު އަމުރަކާ ނުލައި އެމީހަކު ދިރިއުޅޭތަން ބަލައި ފާސްކުރާނެކަމަށްވެސް ވަނީ ޝަރުތު ކޮށްފައިވެއެވެ.

ތަފާތު ކުށްތައް ކޮށްގެން ޖަލު ހުކުމް ތަންފީޒު ކުރާ ގައިދީންގެ ހުކުމުގެ ވަކި މުއްދަތެއް ފުރިހަމަ ކުރުމަށްފަހު އެގައިީދީއަކު އަނބުރާ މުޖުތަމައަށް ނެރެވޭނެފަދަ އަޚުލާގީ މިންގަނޑެއް ޤައިދީގެ ހުރިނަމަ އެ މީހަކު މިނިވަން ކުރުމުގެ ފުރިހަމަ އިޚްޔިތާރާއި ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ވެއެވެ.