ވިޔަފާރި

ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް މަރކެޓިންގ ސެމިނަރއެއް ބާއްވައިފި


ރާއްޖޭގައި ހިންގާ ގެސްޓްހައުސްތައް މާރކެޓްކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން މާލޭގައި ޚާއްސަ ސެމިނާއެއް ބާއްވައިފިއެވެ.

މިއީ ރާއްޖޭގައި ހިންގާ ގެސްޓްހައުސްތައް މާރކެޓްކޮށް، ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ސެމިނާތަކެކެވެ. މި ސެމިނަރތައް އެމް.އެމް.ޕީ.އާރު.ސީން ކުރިއަށްގެންދަނީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި، މޯލްޑިވްސް ގެޓަވޭސް ގުޅިގެންނެވެ.

މާލޭގައި ބޭއްވި މި ސެމިނަރގައި 90 ފަރާތުން ވަނީ ބައިވެރިވެފައެވެ. މި ސެމިނާ ފައްޓަވައިދެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދެވެ. ސެމިނާ ފައްޓަވައިދެއްވަމުން ވާހަކަދައްކަވަމުން ޠައްޔިބު ވަނީ ރާއްޖޭގައި ލޯކަލް ޓުއަރިޒަމް ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ބައިނަލްއަޤްވާމީގޮތުން ގެސްޓްހައުސް ސިނާއަތް ޕްރޮމޯޓްކުރުމަށް ކުރަންޖެހޭ ކަންތައްތައް ވަނީ ހިއްސާކުރައްވާފައެވެ. މީގެއިތުރުންވެސް ގެސްޓްހައުސް ސިނާއަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ފަރާތްތަކުން ވަނީ މި ސެމިނާގެ ތެރެއިން މައުލޫމާތު ހިއްސާކޮށްފައެވެ.

ލޯކަލް ޓޫރިޒަމް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަކީ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާލޭގައި މި ސެމިނާ ބޭއްވުމުގެ ކުރިން މީގެ ސެމިނާތައް ވަނީ އއ. ރަސްދޫ، އއ. އުކުޅަސް، އދ. ދިގުރަށް، ވ. ތިނަދޫ، ހދ. ހަނިމާދޫ، ބ. ދަރަވަންދޫ އަދި ކ. މާފުށީގައި ބާއްވާފައެވެ. އަދި ކުރިއަށްއޮތް ތަނުގައި މި ސެމިނަރ އައްޑޫ ސިޓީއާއި، ލ. އަތޮޅާއި، ގދ. ތިނަދޫގައިވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.