ޝަރުއީ ދާއިރާގެ ޙަރަކާތްތަކާއި ކޯޓުތަކުގައި ކުރިއަށްދާ ޝަރީއަތްތަކުގެ އަޑުއެހުންތަކަށް ރާއްޖެ ޓީވީގެ މުވައްޒަފުން ނުވައްދާގޮތަށް އޮތް ސަސްޕެންޝަން ސުޕްރީމް ކޯޓުން އުވާލައްވައިފިއެވެ. 
ޝަރުއީ ދާއިރާގެ ހަރަކާތްތައް ކަވަކުރުމުގެ ފުރުޞަތު ރާއްޖެ ޓީވީއަށް ނުދޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެއިރު އެގޮތަށް ނިންމީ ކޯޓުތަކުގެ ޙުރުމަތަށް އުނިކަން އަންނަގޮތަށް ރާއްޖެޓީވީން ޚަބަރު ފަތުރާފައިވާކަމަށް ވިދާޅުވެއެވެ. 
މި މައްސަލާގައި ރާއްޖެޓީވީންވަނީ ސުޕްރީމް ކޯޓަށް ދެސިޓީއެއް ފޮނުވާފައެވެ. އެއާއެކު ރާއްޖެޓީވީގެ 
ސަސްޕެންޝަން އުވާލައި ޝަރުއީ ދާއިރާގެ ޙަރަކާތްތައް ކަވަރުކުރުމުގެ ފުރުޞަތު އެފަރާތައް ދިނުމަށް
ސުޕްރީމް ކޯޓުން ނިންމީ ރާއްޖެޓީވީގެ ސިޓީތަކަށް ރިޢާޔަތް ކުރުމަށްފަހުއެވެ. 
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ރާއްޖެ ޓީވީއަށް ފޮނުވި ސިޓީގައިވަނީ ޝަރީއަތްތަކުގެ އަޑުއެހުންތަކާއި ޝަރުއީ ދާއިރާއިން އިންތިޒާމު ކުރާ ހަރަކާތްތައް ކަވަރުކުރުމުގެ ފުރުޞަތު ރާއްޖެ ޓީވީއަށް ނުދިނުމަށް އޮތް ނިންމުން ބުރާސްފަތި ދުވަހުން ފެށިގެން ސުޕްރީމް ކޯޓުން އުވާލައްވާފައިވާކަމަށެވެ. 
ސުޕްރީމް ކޯޓުން އޭރުވަނީ އޮކްޓޫބަރު 31ވަނަ ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ޝަރުއީ ކޯޓުތަކަށާއި ފަނޑިޔާރުންނާއި ސުޕްރީމް ކޯޓާއި ފަނޑިޔާރުންގެ ހުރުމަތާއި މުޅި ދާއިރާގެ ކަރާމާތަށް އުނިކަން ލިބޭފަދަ ވާހަކަތައް ގެނެސްފައިވާކަމަށާ އެއީ ސުޕްރީމް ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދާ، ޚިލާފް އަމަލެއް ކަމަށް ވިދާޅުވެފައެެވެެ.