ޚަބަރު

ކުޅުދުއްފުށީ އެއާރޕޯރޓް ޓާމިނަލް މަސައްކަތް ފަށައިފި


ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ހދ ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލް މަސައްކަތް ފަށައިފިއެވެ

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ރީޖަނަލް އެއަރޕޯރޓްސްގެ އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށި އެއާޕޯޓް ޓާމިނަލް ހެދުމުގެ މަސައްކަތް އެރަށުގެ ވޭވްލެންތު ކުންފުންޏާއި މިދިޔަ ހަފްތާގައި ހަވާލުކޮށްފައިވާކަމަށެވެ. ބުރާސްފަތިދުވަހުން ފެށިގެން ވޭވްލެންތް ކުންފުނިން ޓާމިނަލްގެ މަސައްކަތް ކުރިއަށް ގެންދާކަމަށާއި މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 70 ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭވް ލެންތު ކުންފުންޏާއި އަދި ހަވާލުކޮއްފައިވަނީ ޓާމިނަލްގެ މަސައްކަތް އެކަންޏެވެ. ކުޅުދުއްފުށީ އެއަރޕޯޓަކީ އެރަށުގެ އުތުރު ކޮޅުގައި އޮންނަ ގުދުރަތީ ބޮޑު ކުޅިން 9 ހެކްޓަރުގެ ބިމާއި، މޫދުން 6 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް ނިންމުމަށްފަހު އެއަރޕޯޓް ވަރަށް އަވަހަށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ރީޖަނަލް އެއަރޕޯޓްސް އިން ބުނެއެވެ. ކުޅުދުއްފުށީ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއާއި، އެއަރ ކްރާފްޓްތައް ޕާކު ކުރުމަށްޓަކާ އޭޕްރަނެއްވެސް ވަނީ ހަދާފައެވެ.

ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް މުޅިން ނިންމާނުލެވެނީސް އެއަރޕޯޓް ހުޅުވާފައިވަނީ މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށެވެ. އޭރު ސަރުކާރުން ބުނެފައިވަނީ ދެމަހެއްހާ ދުވަހުގެ ތެރޭގައި އެއަރޕޯޓްގެ ޓަރމިނަލް ނިންމާލެވޭނެކަމަށެވެ.
ކުޅުދުއްފުށީ އެއަރޕޯރޓް ހުޅުވުނު ފަހުން 5 މަސްވެފައިވާއިރު އެއާރޕޯރޓްގައި ކޮންމެހެން ހުންނަންޖެހޭނޭ ވަސީލަތްތައް ޤާއިމްވެފައި ނެތުމަކީ ކުޅުދުއްފުށީގެ ރައްޔިތުންގެ ބޮޑުޝަކުވާއެކެވެ.