ވިޔަފާރި

ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް


ގިނަ އަހަރުތަކަކަށްފަހު، ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

ރާއްޖެއަށް އެއް ޤައުމަކުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. ނަމަވެސް ފާއިތުވެދިޔަ ހަތަރު ވަރަކަށް އަހަރުދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ޗައިނާއިން ރާއްޖެއަށް ނަވާރަހާސް ހަތަރު ސަތޭކަ ހަތްދިހަ ނުވަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވި އަހަރުގެ މަރޗްމަހު ރާއްޖެއަށް ޗައިނާއިން ޒިޔާރަތްކޮށްފައިވާ ތޭރަހާސް ދުއިސައްތަ ތިން ފަތުރުވެރިންނާއި އަޅާބަލާއިރު ސާޅީސް ހަތެއް ޕޮއިންޓް ފަހެއް އިންސައްތަ އިތުރު އަދަދެކެވެ.

މަރޗުމަހު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު އިތުރުވުމާއި އެކު، ރާއްޖެއަށް މިއަހަރުގެ ފުރަތަމަ ކުއާރޓަރުގައި ޒިޔާރަތްކޮށްފައިވާ ޗައިނާ ފަތުރުވެރިންގެ މުޅި ޖުމްލަ އަދަދަށްވެސް ވަނީ ކުރިއެރުން ލިބިފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާރޓަރުގައި ޗައިނާއިން ރާއްޖެއަށް ހަތްދިހަ ހަ ހާސް ފަސް ސަތޭކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، ފަހެއް ޕޮއިންޓް ހަޔެއް އިންސައްތަ އިތުރު އަދަދެކެވެ. ހުސްވި އަހަރުގެ ފުރަތަމަ ކުއަރޓަރގައި ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ހަތްދިހަ ދެ ހާސް ފަސް ސަތޭކަ ތިރީސް ނުވަ ފަތުރުވެރިންނެވެ.

ދެހާސް ފަނަރަވަނަ އަހަރާއި ހަމައިން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް ބަލާއިރު ވަނީ ދަށަށް ދާން ފަށާފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެޤައުމުން ރާއްޖެއަށް ދުއިސައްތަ އަށްޑިހަ ތިން ހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ދެހާސް ސަތާރަވަނަ އަހަރާއި އަޅާ ބަލާއިރު ހަތެއް ޕޮއިންޓް ހަޔެއް އިންސައްތަ އިތުރު އަދަދެކެވެ.