ސިޔާސީ

ތަރައްޤީގެ ކޮންމެ ކަމަކީވެސް މުސްކުޅިކުރެވިފައިވާ ބޭފުޅުންގެ، ޤައުމީ ޚިދުމަތުގެ މަލަތައް - ރައީސް


މިއަދު ރާއްޖެއިން ފެންނަމުންދާ ތަރައްޤީގެ ކޮންމެ ކަމަކީވެސް މުސްކުޅިކުރެވިފައިވާ ބޭފުޅުންގެ، ޤައުމީ ޚިދުމަތުގެ މަލަތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އޭޖް ކެއަރ މޯލްޑިވްސް ގެ ނަމުގައި މިހާރު ހިންގަވާ އެ ސެންޓަރަށް 15 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ބޭއްވެވި ހަފުލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުސްކުޅިކުރެވިފައިވާ ބޭފުޅުންގެ، އަގު އަބަދުވެސް ވަޒަންކުރަން ޖެހޭނެކަމަށާއި، އަބަދުވެސް އެމީހުންނަށް އިޙްތިރާމް ކުރަންޖެހޭނެ ކަމަށެވެ. އެމަނިކުފާނުގައި ވާހަކަފުޅުފައި ވަނީ ދޮށީ ޢުމުރުގެ މީހުންނަށް ޙަރަކާތްތެރި ދިރިއުޅުމެއް އުޅެވޭނެ ފުރުޞަތު ފަހިކޮށްދިނުމާއެކު އަމާން މާޙައުލެއް މުޖުތަމަޢުގެ ތެރެއިން ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި ހުރިހާ އުމުރެއްގެ މީހުން ވެސް ދޮށީ ޢުމުރުގެ މީހުންނަށް އަޅާލައި، އިޙްތިރާމްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވަނީ ބާރުއަޅުއްވާފައެވެ.

ދޮށީ ޢުމުރަށް ދިއުމުން މައިންބަފައިން އެންމެ ބޭނުންވާނީ، ކައިރީގައި ޚިދުމަތް ކޮށްދޭން ހުންނާނެ ބިދޭސީއެއް ނޫންކަމަށާއި، އެ ޢުމުރުގައި އެންމެ ބޭނުންވާނީ، ދަރިންގެ އަޅައިލުމާއި ލޯތްބާއި އޯގާތެރިކަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ދޮށީ ޢުމުރުގެ މީހުންނަށް މިއަދު ކުރިމަތިވަމުން އަންނަ އެންމެ ބޮޑު މައްސަލައަކީ މުސްކުޅިވި ދުވަހު ލޯބިދީ އަޅައިލާނޭ ދަރިން، ކައިރީގައި ނެތުމުގެ ހިތްދަތިކަން އިޙްސާސްކުރަންޖެހި އެމީހުންނަށް ކުރިމަތިވާ ނަފްސާނީ މައްސަލަތައް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެކަމާމެދު ވިސްނައި މައިންބަފައިން ވެފައިވާ ޤުރުބާނީ ހަނދާން ނައްތާނުލައި، ކޮންމެ މީހެއްގެ ވެސް ފުދުންތެރިކަން ހުރި މިންވަރަކުން މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ނަޞޭޙަތްތެރިވެ ވަޑައިގެންފައެވެ.

މިރޭގެ ރަސްމިއްޔާތުގައި، 10 އަހަރަށްވުރެ ގިނަ ދުވަހު މެދުނުކެނޑި ޚިދުމަތްކުރައްވާފައިވާ މަންފާގެ މެންބަރުންނަށާއި، ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކަށާއި މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހަނދާނީ ފިލާ ވަނީ ދެއްވާފައެވެ.

މަންފާ ސެންޓަރަކީ، ދޮށީ ޢުމުރުގެ މީހުންނަށް އެ މީހުންގެ ޢުމުރާ ގުޅޭ ގޮތުން، ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގާ މަރުކަޒެކެވެ. ދޮށީ ޢުމުރުގެ ދުވަސްތައް ގުނަމުންދާއިރު، އުފާވެރި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރެވޭނެ ގޮތްތަކާ މެދު ހޭލުންތެރިކުރުމަކީ، މި މަރުކަޒުގެ އެންމެ މުހިންމު އެއް މަޤްޞަދެވެ.