ސިޔާސީ

ރައީސުލްޖުމްހޫރިއްޔާގެ އިންޑިއާ ދަތުރުފުޅުގެ ހުރިހައި ޚަރަދެއް ކުރާނީ އެޤައުމުން - ތަރުޖަމާނު


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ހުރިހައި ޚަރަދުތަކެއްވެސް ކުރައްވާނީ އެ ޤައުމުން ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އާދިއްތަ ދުވަހު ހެނދު އިންޑިއާއަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ރައީސް ޞާލިޙް އިންޑިއާއަށް ވަޑައިގަންނަވަނީ އެޤައުމުގެ ކްރިކެޓް ބޯޑްގެ ދަޢުވަތަކަށްކަމަށާ އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ހުރިހައި ޚަރަދެއްވެސް ކުރާނީ އެ ޤައުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް އިންޑިއާއަށް ވަޑައިގަންނަވަނީ މާދަމާ އިންޑިއާ ގަޑިން ރޭގަނޑު 8:00ގައި އިންޑިއަން ޕްރިމިއަރ ލީގުގައި ރޯޔަލް ޗެލެންޖާރސް ބެންގަލޯރ އާއި ޗެންނާއީ ސުޕަރ ކިންގްސް ބައްދަލުކުރާ ކްރިކެޓް މެޗް ބައްލަވައިލެއްވުމަށް ކަމަށެވެ. ރައީސްގެ ދަތުރުފުޅުގައި ރަސްމީ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައި ނުވި ނަމަވެސް އެމަނިކުފާނަށް ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން އިންޑިއާގައި ދިރިއުޅުއްވާ ދިވެހި ޢާއިލާތަކާއި ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި، ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހުލޫފްވެސް ވަޑައިގަންނަވާނެއެވެ. ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގެންނެވިއިރު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެފައި އޮތް ނަމަވެސް އެ ގުޅުން އިތުރަށް ރަނގަޅު ކުރެއްވުމަށް އެމަނިކުފާނު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެން މުހިންމު ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއި ކުރައްވާފައެވެ.