ސިޔާސީ

ނާޒިމްގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފު ކޮށްފި


 ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އެގާރަ އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރުމަށް ހުށައަޅައިފިއެވެ.ނުރައްކާތެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި އެގާރަ އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ނާޒިމްގެ މައްޗަށް ހުކުމްކޮށްފައިވަނީ މިދިޔަ މަހުގެ ސައްބީސްވަނަ ދުވަހުގެރޭގައެވެ.އެ ހުކުމް އިސްތިއުނާފްކުރުމުގެ ވަގުތު މިއަދު ދޭއް ޖެހިއިރު ހަމަވެފައިވާއިރު އިސްތިއުނާފު މައްސަލަ ކޯޓަށް ނާޒިމްގެ ފަރާތުން ހުށައަޅާފައިވަނީ އޭގެ ދެތިން މިނެޓްކުރިންނެވެ.ނާޒިމްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ އިސްތިއުނާފަށް މައްސަލަ ހުށައެޅުން ލަސްވީ މައްސަލަ ނިންމި ގޮތުގެ ތަފްސީލް ރިޕޯޓް ނުލިބިގެންކަމަށެވެ. އަދި މައްސަލަ ކޯޓަށް ހުށައެޅިއިރުވެސް އެ ރިޕޯޓް ލިބިފައިނުވާއިރު ތަފްސީލް ރިޕޯޓް ނުލިބުމުން މައްސަލަގައި ހުށައަޅަންޖެހޭ ގާނޫނީ ނުކުތާތަކަށް އެންމެ ރަނގަޅަށް ތައްޔާރުނުވެވޭކަމަށެވެ.ތަފްސީލް ރިޕޯރޓް ލަސްވުމުން އިސްތިއުނާފްގެ މުއްދަތު އިތުރުކޮށްދިނުމަށް ހައިކޯޓްގައި އެދިވަޑައިގެންފައިވާކަމަށްވެސް މައުމޫން ހަމީދް ވިދާޅުވިއެވެ.ހުކުމް އިސްތިއުނާފްކުރުމަށް ހުށައަޅާފައިވާއިރު ބޭސްފަރުވާއަކަށް ނާޒިމް މިވަގުތު ހުންނެވީ ސިންގަޕޫރްގައެވެ.