ކުޅިވަރު

16 އަހަރުން ދަށުގެ އުމުރުފުރާއިން ފައިނަލްގެ ފުރަތަމަ ޖާގަ ޝަރަފުއްދީން ސްކޫލަށް


މަމެން އައްޑޫ އިންޓަރ ސްކޫލް މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާއިން ފައިނަލުގެ ފުރަތަމަ ޖާގަ ޝަރަފުއްދީން ސްކޫލް ކަށަވަރު ކޮއްފިއެވެ.

މިމުބާރާތުގައި މިއަދު ކުޅެވިގެންދިޔަ މެޗުގައި ވާދަ ކުރީ ޝަރަފުއްދީން ސްކޫލާއި ހިތަދޫ ސްކޫލެވެ. މިމެޗް ޝަރަފުއްދީން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ދެޓީމުގެ ދެމެދު ކުޅެވިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ ޓީމަކަށް ވެސް ލަނޑެއް ނުޖެހެއެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ވަނީ ލިބިފައެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ދިޔައީ ހިތަދޫ ސްކޫލުގެ ވަރުގަދަ ހަމަލާތަކަކާއި އެކުގައެވެ. ނަމަވެސް ލިބުނު ފުރުސަތުތަށް ނިންމާ ނުލެވެއެވެ. ޝަރަފުއްދީނުންވެސް މިހާފުގައި ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި އެޓީމަށް މެޗުގެ ފުރަތަމަ އަދި ހަމަ އެކަނި ލަނޑު، ލިބުނު ޖެހުމަކުން ކާމިޔާބު ކޮއްދިނީ އެޓީމުގެ ޖާޒީ ނަމްބަރު 7 ހަސަން ޖައިޝަމް އެވެ. މިމެޗުގެ ނިމުމަކާއި ހަމައަށް ދިޔަ އިރު ހިތަދޫ ސްކޫލަށް ހުސް ގޯލަށް ޖަހާނެ ފުރުސަތު ވެސް ލިބިގެން ދިޔައެވެ. ނަމަވެސް އެންމެ ފަހު ވަގުތު ލިބުނު ފުރުސަތުވެސް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވިފައި ނުވެއެވެ.

މެޗަށް ފަހު ޕީއެސްއެމް އާއި ވާހަކަ ދައްކަމުން ޝަރަފުއްދީން ސްކޫލުގެ ކޯޗު އަހުމަދު ހަބީބް ބުނީ، މެޗުގައި ފުރަތަމަ ކޮޅުގައި ލަނޑެއް ނުޖެހި ދިޔައީ ދެޓީމުވެސް ޕްރެޝަރުގައި ކުޅުމުން ކަމަށެވެ. އަދި ދެން ކުރިއަށް ހުރި މެޗުތަކުންވެސް މޮޅުވެ ޝަރަފުއްދީން ތައްޓާ ދިމާލަށް ހިފާފައިވާ ކަން ހަބީބް ފާހަގަ ކުރިއެވެ.

މެޗާއި ގުޅޭގޮތުން ހިތަދޫ ސްކޫލުގެ ކޯޗު މުހައްމަދު ޝުއާއު ބުުނެފައިވަނީ، މިއަދުގެ މެޗުގައި ހިތަދޫ ސްކޫލުގެ ކުޅުން ހުރިހާ ގޮތަކުންވެސް ރަނގަޅު ކަމަށާއި، މެޗުން ބަލިވެގެން ދިޔައީ ނަސީބު ނެތުމުން ކަމަށެވެ. އަދި ނަސީބަކީ ވެސް ފުޓުބޯޅައިގަ އޮންނަ ކަމެއް ކަން އެނާ ފާހަގަ ކުރިއެވެ.

މިއަދު ނަތީޖާ އާއި އެކު ޝަރަފުއްދީން ސްކޫލް މިވަނީ ކުޅުން 3 މެޗުވެއް ކާމިޔާބު ކޮށް މިއުމުރުފުރާގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮއްފައެވެ. އަދި ހިތަދޫ ސްކޫލު ކުޅުނު ފުރަތަމަ މެޗުން އެއްވަރުވެ ދެވަނަ މެޗުން ބަލިވުމާއި އެކު މުބާރާތުން މިވަނީ ކަޓާފައެވެ.