ޚަބަރު

މާޒިޔާގެ ކޯޗަކަށް މަރުޖާން ސެކުލޮސްކީ ހަމަޖައްސައިފި


މާޒިޔާގެ ކޯޗަކަށް މަރުޖާން ސެކުލޮސްކީ ހަމަޖައްސައިފިއެވެ. ސެކުލޮސްކީ އަކީ 2017 ވަނަ އަހަރު މާޒިޔާއަށް ކޯޗުކަންކޮށްދީފައިވާ ފަރާތެކެވެ. އަދި އެޓީމަށް ގެނައި ފުރަތަމަ ބީދޭސީ ކޯޗުވެސްމެއެވެ. 2017 ވަނަ އަހަރު މާޒިޔާއާއެކު ކާމިޔާބުކޮށް މަސައްކަތްތަކެއް ކޮށްފައިވާ ސެކުލޮސްކީ އެ އަހަރު މާޒިޔާއިން ދޫކޮށްލީ ޕްރިމިއާ ލީގުގެ ވަކި ހިސާބަކުން ދެ ފަރާތް އެއްބަސްވެގެންނެވެ. އޭގެ ފަހުން މާޒިޔާއަށް ކޯޗުކަންކޯށްދިނީ އިސްމާއިލް މަހުފޫޒް (އިންމަ)އެވެ. ނަމަވެސް މި ސީޒަނުގައި އިންމަ ފެނިގެންދާނީ ޕްރިމިއަރ ލީގަށް އަލަށް ކޮލިފައިވި ދަ ގްރާންޑޭއިންނެވެ. ސެކުލޮސްކީގެ ކޯޗުކަމުގައި މާޒިޔާ އިން ވަނީ ވެލެންސިއާ ބަލިކޮށް 2017 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް އުފުލާލައިފައެވެ. އެ އަށް ފަހު އެ އަހަރުގެ އެސްޓީއޯ މާލޭ ލީގު ކާމިޔާބުކުރިއެވެ. އެ ފަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ވަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެފައިއެވެ. މާޒިޔާގެ ކޯޗުކަމާއި ދެވަނަ ފަހަރަށް ހަވާލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސެކުލޮސްކީ ބުނީ މާޒިޔާގެ މިހާރު މިއޮތް ސްކޮޑާއެކު މި ސީޒަނުގައި ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށާއި، މިހާރުގެ ސްކޮޑްގައި ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އަދި ޓާގެޓަކީ ކޮންމެ މުބާރާތެއްގެވެސް އެންމެ އުހުގައި އޮތުން ކަމަށް ސެކުލޮސްކީ ބުނިއެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް މާޒިޔާ އިން ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. އެގޮތުން މާޒިޔާއާއި އަލަށް ގުޅުނު ކުޅުންތެރިންނަށް ބަލާއިރު ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ނިއު ރޭޑިއަންޓުގެ އަހުމަދު އަބްދުﷲ (ލިލީ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ހިމެނެއެވެ.