ސިޔާސީ

މަހުލޫފް ދޫކޮށްލުމަށް ހައިކޯޓުން އަންގައިފި


ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ބަންދުގައ ބެހެއްޓުމަށް ކްރިމިނަލްކޯޓުން ކުރި އަމުރު ހައިކޯޓުން މިއަދު ބާތިލްކޮށް އޭނާ މިނިވަންކޮށްފިއެވެ.ފަނަރަދުވަސް ވަންދެން މަހްލޫފް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލްކޯޓުން އަމުރުކޮށްފައިވަނީ ހަތަރު މީހުންނަށް ވުރެ ގިނަ މީހުންނާއި އެކު އެއްމަސްދުވަސްވަންދެން މަގުމަތީގައި ނޫޅުމަށް ދަށުކޯޓުން ކުރި ޝަރުތައް އޭނާ އެއްބަސް ނުވުމުންނެވެ.ދަށުކޯޓުން ނިންމި ނިންމުން ގާނޫނޫ އަސާސީއާއި ޚިލާފްކަމަށް ބުނެ މަހްލޫފް ހައިކޯޓަށް ހުށައެޅި މައްސަލަ ނިންމާ އެކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ދަށުކޯޓުން ކުރި ޝަރުތާއި އެއްބަސްނުވުމުން މަހްލޫފް ބަންދުކުރުމަށް ކްރިމިނަލްކޯޓުން ނިންމާފައިވަނީ ގާނޫނޫ އަސާސީއާއި މީހުން ބަންދުކުރުމުގެ ގަވައިދާއި ހިލާފަށްކަމަށް މައްސަލަ ބެއްލެވި ތިން ފަޑިޔާރުން އިއްތިފާގްވާކަމަށެވެ. މިގޮތުން މަހްލޫފް ގެ ބަންދަށް ތިރީސްދުވަސް ކޯޓުން ޖަހާދީފައިވަނީ ފުލުހުން އޭނާ ބަންދުކުރުމަށް އެދުނު މުއްދަތަށްވުރެ ދިގު މައްދަތަކަށްވެސް  ހައިކޯޓްގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ މުޒާހަރާތަކަށް ނުދެވޭގޮތަށް ކޯޓުން ޝަރުތު ކަނޑައަޅަނީ ގާނޫނޫ އަސާސީއާއި ހިލާފަށްކަމަށެވެ. މިގޮތުން ބަންދުން މީހަކު ދޫކޮށްލުމުގައި ގާނޫނޫ އަސާސީގެ ސާޅީސް ނުވަވަނަ މައްދާގައި ބުނާ ފަދަ ޝަރުތެއް، ނުވަތަ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު  ގޮތެއް ނިންމުމުގެ ގަވައިދުގައި ނުވަވަނަ މައްދާގައި ބުނާ ޝަރުތަކަކަށް ފެތޭފަދަ ޝަރުތެއް ނޫން އެހެން ޝަރުތެއް ކޯޓުން ކުރުމަކީ ގާނޫނު އަސާސީއާއި ހިލާފުކަމެއްކަމެއްކަމަށްވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ.ދަށުކޯޓްގެ ނިންމުން ބާތިލްކޮށް ހައިކޯޓުން މަހްލޫފް މިއަދު މިނިވަންކޮށްފައިވާއިރު ފުލުހުންގެ އަމުރަށް ނުކިޔަންމަންތެރިވުމުގެ ކުށުގައި ދައުވާކޮށްދިނުމަށް އެދި އޭނާގެ މައްސަލަ ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައެވެ.ތިން ފަހަރެއްގެ މަތިން މަހްލޫފްގެ ބަންދުގެ މުއްދަތު ކޯޓުން ޖަހާދީފައިވާއިރު މިދިޔަ މަހުގެ ފަންސަވީސް ވަނަދުވަހު ފުލުހުން އެނާ ހައްޔަރުކުރީ އިދިކޮޅު ފަރާތަތްކުން އެރޭ ބޭއްވި މުޒާހަރާގައި ފުލުހުންގެ ބެރިކޭޑްތައް ފަޅާފައިވަނުމުންކަމަށް ފުލުހުން ބުނެފައިވެއެވެ.