ޚަބަރު

މާލޭގެ ފެންބޮޑުވެފައިވާ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި


މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ބޮޑުވެފައިވާ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.

އެމް.އެން.ޑީ.އެފްގެ ތަރުޖަމާން ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، މާލޭގެ ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރުމަށްޓަކާ އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން މިހާރު ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. އެގޮތުން މިހާރުވެސް އައި.ޖީ.އެމް.އެޗާއި ވެސްޓް ޕާކު ސަރަޙައްދާއި، ކުޑަކުދިންގެ ބަގީޗާ ހިމެނޭ ސަރަޙައްދުގައި ޕަމްޕު ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިހާތަނަށް މާލޭގެ އެއްވެސް ގެއަކަށް ފެނުގެ އަސަރުކޮށްގެން ރިޕޯޓުކޮށްފައި ނުވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭ ސަރަޙައްދަށް އެކަނިވެސް މިއަދު ހެނދުނު 8 ފެށިގެން މެންދުރު ފަހާ ޖެހެންދެން 20 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މާލެއަށް ބޯކޮށްވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ކާރިސާއަކުން ރައްކާތެރިވެ ތިބުމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް މާލޭ ސިޓީ ކައުންސިލުންވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގެ ފްލަޑް ރެސްޕޯންސް ޓީމުން މިހާރުވެސް ހަރަކާތްތެރިވާން ފަށާފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މޫސުމަށް ތައްޔާރުވެތިބުމަށާއި، ލިބިދާނެ ގެއްލުމަކުން ގޯތިގެދޮރާއި، މުދާ ރައްކާތެރިކުރުމަށްޓަކާ ފަރުދީ ފެންވަރުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދުވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް ބޮޑެތި މަގުތަކުގައި ފެންބޮޑުވެފައިވާއިރު، މާލޭ ރާޅުގަނޑު ސަރަޙައްދަށް އުދައިގެ އަސަރުވެސް ވަނީ ކޮށްފައެވެ.