ޚަބަރު

ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކުރުން ސިޓީއަށް މަޖުބޫރު - ގާޑިއޯލާ


ކޮންމެހެންވެސް މޮޅުވާން ޖެހޭ މެޗަކަށް މިއަދު ޓޮޓެންހަމާ ދެކޮޅަށް މެންޗެސްޓާ ސިޓީ ނުކުންނަނީ ޗެމްޕިއަންސް ލީގުން ކަޓާފައިވުމުގެ ހިތްދަތިކަމާއެކު ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ،

ބުދަ ދުވަހުގެ ރޭ ސިޓީ ޗެމްޕިއަންސް ލީގުން ކެޓީ ޓޮޓެންހަމާ ދެ މެޗުގެ އެގްރީގޭޓުން އެއްވަރުވެ އަވޭ ގޯލުގެ ތަފާތުންނެވެ. ނަމަވެސް އެ މެޗުގެ ފަހު ވަގުތު ސިޓީން ކުރި ހޯދަން ޖެހި ލަނޑު ރެފްރީ ވަނީ ގަބޫލުނުކޮށްފައެވެ.

ޕްރެމިއާ ލީގު ކާމިޔާބު ކުރުމަށް ބާކި އޮތް ފަސް މެޗުން ވެސް ސިޓީ މޮޅުވާން ޖެހެއެވެ. އެއީ ލިވަޕޫލް ފަހަތުން ޕޮއިންޓެއްގެ ތަފާތުން ވިއްދާފައި އޮތުމުންނެވެ.

ގާޑިއޯލާ ބުނީ ލިވަޕޫލްގެ ނަތީޖާއާމެދު ފަރުވާލެއް ނެތް ކަމަށާއި އޭނާގެ ޓީމު މޮޅުވުމުން ފުދޭނެ ކަމަށެވެ. ލިވަޕޫލަކީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ކުޅޭ ޓީމެކެވެ.

ގާޑިއޯލާ ބުނީ ލިވަޕޫލް ގިނަ މެޗު ކުޅެން ޖެހުމަކީ ސީޒަނުގެ މިވަގުތު އެއްވެސް ޓީމަކަށް އެޑްވާންޓޭޖެއްނޫން ކަމަށާއި، ޑިސެމްބަރު ޖެނުއަރީ ނަމަ އެ ތަފާތު ފެނިދާނެކަމަށެވެ. މި މެޗަށް ނުކުންނައިރު ޓޮޓެންހަމްގެ މައިގަނޑު ބޭނުމަކީ ގަދަ ހަތަރެއްގެ ތެރޭގައި ހިފަހައްޓާލުމެވެ. އެ ޓީމު މިވަގުތު އޮތީ ތިން ވަނާގައެވެ.