ޚަބަރު

ފާރަގެމާގެ ފުރަތަމަ އޮޕަރޭޝަނުގަ 6 ލައްކަ ރުފިޔާގެ މަސްތުވާތަކެތި


ފާރަގެމަ ނުވަތަ ކުއްތާ ބޭނުންކޮށްގެން ހިންގި މަސްތުވާތަކެތީގެ ފުރަތަމަ އޮޕަރޭޝަންގައި ހަ ލައްކަ ރުފިޔާގެ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުނެފިއެވެ.އިސްކަންދަރުކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑްރަގް އެންފޯސް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑް އޮފް ޕޮލިސް މުހައްމަދު ޝިފާން ވިދާޅުވީ، ކުއްތާ ބޭނުންކޮށްގެން ހިންގި ފުރަތަމަ އޮޕަރޭޝަން ހިންގީ ހެންވޭރު ހާނޭޝަން ލޮޖްގެ ތިންވަނަ ފަންގިފިލާފައި މަސްތުވާތަކެތި ރައްކާކޮށްފައި ކުރިކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެންކަމަށެވެ.މި އޮޕަރޭޝަންގައި  އެގެއަށް ފުލުހުން ވަނުމާއެކު އެއެޕާޓްމަންޓްގައި ހުރި ދެކޮޓަރީގެ ތެރެއިން އެއްކޮޓަރީގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ޕްލެޝް ކޮށްލާފައިވާކަމަށާއި ނަމަވެސް އޭގެތެރެއިން ދެޕަކެޓް ހޯދުނުކަމަށް ޝިފާން ވިދާޅުވިއެވެ.މިމައްސަލަޔާއި ގުޅިގެން އެގެއިން ގދ. ތިނަދުއަށް ނިސްބަތްވާ 26 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ޝިފާން ވިދާޅުވިއެވެ.ފާރަ ބޭނުންކުރަނީ މަސްތުވާތަކެތި ހުރިތޯ ދެނެގަންނަންކަމަށާއި ފާރަ ބޭނުންކުރަން ފެށުމުން މަސްތުވާތަކެތި ހޯދުމަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ޝިފާން ވިދާޅުވިއެވެ.ފާރަ ބޭނުން ކޮށްގެން ހިންގާ އޮޕަރޭޝަންތަކަކީ ވަރަށްބޮޑަށް އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ހިންގާ އޮޕަރޭޝަންތަކެއްކަމަށް ޝިފާން ވިދާޅުވިއެވެ.ފާރަ ބޭނުންކޮށްގެން ރޭހިންގި އޮޕަރޭޝަނާއި ކުއްތާ ފެނިގެން އެގެއިން މީހަކު ހޭނެތުނު ކަމަށް ބައެއް މީޑިޔާތަކުން ރޭ ރިޕޯޓްކޮށްފައިވާތީ ޝިފާންވަނީ އެކަމަށް ރައްދުދީފައެވެ. އޭނާ ވިދާޅުވީ، އެމީހާ ހޭނެތުނީ އެގެއިން މަސްތުވާތަކެތި ފެނުމުންކަމަށް ބެލެބޭކަމަށާއި އެއީ ކުއްތާއާއި ގުޅުންހުރި ކަމެއް ނޫންކަމަށެވެ.