ޚަބަރު

މިއަހަރުގެ އިޙްޔާ ފޯރަމް ކުރިއަށްގެންދަނީ ކުންފުނިތަކަށް ޚާއްސަކޮށްގެން


މިއަހަރުގެ އިޙްޔާ ފޯރަމް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ޢާއްމުންގެ އިތުރުން ކުންފުނިތަކަށް ޚާއްސަކޮށްގެންކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އިޙްޔާ ފޯރަމަކީ ކޮންމެ ރަމަޟާންމަހަކު ޢާއްމުންނަށް ދީނީ މަޢުލޫމާތުދީ ހޭލުންތެރިކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ހަރަކާތެކެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މިއހަރުގެ އިޙްޔާ ފޯރަމްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ކުންފުނިތަކަށް ޚާއްސަކޮށްގެންކަމަށާ، މިޙަރަކާތެވެ. ކުރިއަށްގެންދިޔުމަށްޓަކައި ކުންފުނިތަކާއެކު އެއްބަސްވެފައިވާކަމަށެވެ. މިގޮތުން ފޯރަމް ކުރިއަށް ގެންދާ އެކިރޭރޭ ޚާއްސަކުރާނީ އެކި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ކުންފުނިތަކުން ޚާއްސަ ވަކި މަޢުޟޫޢުތަކަށް ދީނީ މަޢުލޫމާތު ބޭނުންނަމަ މަޢުޟޫޢު އިޚްތިޔާރުކުރުމުގެ ފުރުޞަތު އޮންނާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ކުންފުނިތައް ގުޅިގެންވެސް މިޙަރަކާތުގައި ބައިވެރިވެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެރޭރޭ އަންނާނެ އެކި ކުންފުނިތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން. 200 އާއި 250 ދެމެދުގެ މުވައްޒަފުން އަންނާނެ. މީގެ އިތުރުން އާއްމުންނަށްވެސް ފުރުޞަތު އެބަދެން. މިގޮތަށް މިފަހަރު މި ޙަރަކާތް ކުރިއަށްގެންދިއުމުން ދީނީ މަޢުލޫމާތު ގިނަޢަދަދެއްގެ މީހުންނަށް ދެވޭނެކަމަށް އުއްމީދުކުރަން." މިނިސްޓަރ ވިދާޅުވިއެވެ.

މިއހަރުގެ ފޯރަމްތައްވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ދިވެހި ޝައިޚުން ބައިވެރިކޮށްގެންނެވެ.
ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމަށްޓަކައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިޙްޔާ ފޯރަމަކީ ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނާބެހޭ މަޢުލޫމާތު މުއްސަނދިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޚާއްސަ މަސައްކަތެކެެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމަކީ ދީނީ ގޮތުން ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމަށް ރާއްޖޭގައި ހިންގާ އެންމެ ޚާއްޞަ ޕްރޮގްރާމެެކެވެ. މިއީ 1980ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިއަހަރުވެސް ރަމަޟާންމަހަށް ޚާއްސަކޮށްގެން ގިނަ ޙަރަކާތްތައް ކުރިއަށްގެންދިޔުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. މިގޮތުން ރަމަޟާންމަސް އައުމުގެ ކުރިން ކައުންޓުޑައުން ޝޯވއެއް ކުރިއަށްގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ރޯދަމަސް ފެށުމުގެ 10 ދުވަސް ކުރިންނެވެ. މިޙަރަކާތުގައި ރަށްރަށުން ރޯދަމަހަށް ވަމުންގެންދާ ތައްޔާރީތައް ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ހަވީރުގެ ވަގުތު މިސްކިތްތަކުގައި ދަރުސްދިނުމާއި އޮފީސްތަކަށް ދީނީ މަޢުލޫމާތު ދިނުމަށް ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔުމާއި ޓީވީ މެދުވެރިކޮށް ތަފާތު ދީނީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވެއެވެ.