ޚަބަރު

ލ. ފޮނަދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ


ލ. ފޮނަދޫއަށް ނަގޫރޯޅިއެއް އަރާ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ނަގޫރޯޅި އަރާފައިވަނީ މިއަދު ފަތިހު 04:30 ހާއިރު، ފޮނަދޫ ބަރާސިލު އަވަށަށެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ. އެހެންނަމަވެސް އެރަށުގެ ބައެއް ގޭގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ފުލުހުން ވިދާޅުވީ، މި ޙާދިސާއާއި ގުޅިގެން ފޮނަދޫގެ މީހުން ދިރިއުޅޭ 9 ގެއެއްގެ ފުރާޅު އެއްލާލައި، ފުރާޅު މައްޗަށް ގަސްތައް ވެއްޓި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އަދި އެރަށު ބަނދަރުގައި އޮތް 2 ލޯންޗަކަށްވެސް އެކި ވަރުގެ ގެއްލުން ތައް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން ފަޅުގެއެއްގެ ފާރުވެސް ވެއްޓިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފޮނަދޫ ކައުންސިލްގެ ރައީސް އަޙްމަދު ރިޔާޒު ވިދާޅުވީ، މި ޙާދިސާގައި ބައެއް ގޭގޭގެ ފުރާޅު އެއްލާލުމާއި ރުއްގަސް ވެއްޓުން ފަދަ ގެއްލުންތައް ލިބިފައިވާކަމަށެވެ. އަދި ނަގޫރޯޅި އެރި ވަގުތަކީ ކޮންމެވެސް ވަރަކަށް ވާރޭވެހުނު ގަޑިއެއްކަމުން، ފުރާޅު އެއްލާލި ބައެއް ގޭގޭގެ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނަށް ފެނުގެ އަސަރުކޮށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، މި ޙާދިސާގައި ބަރާސިލު އަވަށުގެ 12 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށާއި، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލުގެ ފަރާތުން ފޯރުކޮށްދެމުންދާކަމަށެވެ. އަދި މަގުމައްޗަށް ވެއްޓިފައިވާ ރުއްގަސްތައް ނެގުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދުވެސް ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މުޅިރާއްޖެއަށް ވައިޓް އެލާޓްވެސް ނެރެފައެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުންވެސް މޫސުމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.